އިނގިރޭސިވިލާތާއި އިންޑިއާގެ ޓްރޭޑް މިނިސްޓަރުން މަޝްވަރާ ކުރައްވަނީ
އިނގިރޭސި ވިލާތުގެ ޓްރޭޑް މިނިސްޓަރު ކެމީ ބަޑެނޯޗް މި ހަފުތާގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިންޑިއާގެ ޚާރިޖީ ވަޒީރާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް އެކަމަނާގެ އޮފީހުން ބުރާސްފަތި ދުވަހު ބުނި ނަމަވެސް، މި އަހަރުގެ ފަހުކޮޅު އިތުރު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާތީ ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ނުބެލެވެ އެވެ.
ކުރިއަށް އޮތް ތަނުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އެކުލަވާލުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ފާއިތުވި މަސްތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، މި އަހަރު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދު ބޮޑުވެފައިވާ ކަމަށް އިނގިރޭސިވިލާތާއި އިންޑިއާގެ މަސްދަރުތަކުން ބުނެފި އެވެ.
ނަމަވެސް އިނގިރޭސި ސަރުކާރުގެ މަސްދަރުތަކުން ވަނީ މި ހަފުތާގައި އިންޑިއާގެ ޖައިޕޫރު ސިޓީގައި ބާއްވާ ޖީ-20 ގެ ބައްދަލުވުމަކުން އެއްބަސްވުމެއް ހަދާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ބަޑެނޯޗްގެ ދަތުރުފުޅަށް ފަހު ސެޕްޓެމްބަރު މަހު އެފްޓީއޭގެ އިތުރު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ލަފާކޮށްފަ އެވެ.
"އިންޑިއާއާ އެކު ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި، އެކަމަކު މަޝްވަރާ ކުރާ ކޮޓަރީގައި ހިނގާ ކަންކަން ޓައިމްލައިން ހިންގާނެ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް މަޝްވަރާތަކަކީ މުދަލާއި ހިދުމަތާއި އިންވެސްޓްމަންޓް ފަދަ ކޮމްޕްލެކްސް އަދި ޓެކްނިކަލް ދާއިރާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްވަރާތަކެއް."
ތިން ދުވަހުގެ ދަތުރެއްގައި ބަޑެނޯޗް އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިއުޝް ގޯޔަލްއާ ބައްދަލު ކުރައްވާނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ޖައިޕޫރުގައި ބާއްވާ ޖީ20 ޓްރޭޑް މިނިސްޓަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.
ޓްރޭޑް މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުން ތައް ބަދަހިކުރުމުގެ ގޮތުން އިނގިރޭސިވިލާތާއި އިންޑިއާގެ އާ މާކެޓިން ކެމްޕެއިނެއް އިއުލާނުކޮށްފަ އެވެ.