ރިޕޯޓް ސިޔާސީ

ނިންމުން 23: ޑރ. މުއިއްޒު ހުންނެވީ ކޮންފިޑެންސާއެކު، ކަންބޮޑުވުމެއް ނެތް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު

ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އަށް ތައްޔާރުވެގެން މ. ދިމްޔާތަށް ދިޔައީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ބަސްތީގަތުމަށް ތައްޔާރުވެގެންނެވެ. ދިމްޔާތަށް ވަންނަން ދިޔައިރު އެތަނުގެ ބޭރުގައި ދެތިން މީޑިއާއެއްގެ ކްރޫން ހަރަކާތްތެރިވަމުން ދިޔައެވެ. އެހެންވެ އެދުވަހަކީ ހުރިހާ މީޑިއާތަކަށްވެސް ޑރ. މުއިއްޒު ވަގުތު ދެއްވާ ދުވަސްކަން އެނގުނެވެ.

Ads by STELCO

ކެމްޕެއިން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެންނެވުވުމުގައި ބުރަކޮށް އުޅުއްވަމުން ހޮނިހިރު ދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށް ހާއްސަކޮށްފައި އޮތީ މީޑިއާތަކަށް ވަގުތު ދިނުމަށެވެ. އެގޭގެ ހަތްވަނަ ފަންގިފިލާއަށް އެރިއިރު އެތަނުގެ ދެ ކޮޓަރިއެއް ބަސްތީގަތުން ދިނުމަށް ހާއްސަކޮށްފައި ހުއްޓެވެ. އެއް ކޮޓަރީގައި "ދެން" ގެ ސެޓަޕް ހަދާފައި ހުރިއިރު އަނެއް ކޮޓަރީގައި އެހެން މީޑިއާއަކުން ހަރަކާތްތެރިވަމުން ދިޔައެވެ.

ކޮންމެ މީޑިއާއަކަށް ބައިގަޑިއިރުގެ ވަގުތެއް ދެމުން ދިޔައެވެ. ޑރ. މުއިއްޒު "ދެން" ގެ "ނިންމުން23" ގެ ބަސްތީގަތުމަށް ވަޑައިގެންނެވީ ގާތްގަނޑަކަށް 9:45 ގަ އެވެ. ވަޑައިގެން ކްރޫއާއި ސަލާން ކުރައްވައި ގޮނޑިކޮޅުގައި އިށީންދެވަޑައިގަތެވެ. އާންމުކޮށް މިފަދަ ބަސްތީގަތުން ފެށުމުގެ ކުރިން ކޮން ކަހަލަ ސުވާލުތަކެއްތޯ ކުރާނީ މެހެމާނު އަހައެވެ. އެހެންނަމަވެސް ޑރ. މުއިއްޒު އެފަދަ އެއްވެސް ސުވާލެއް ނުކުރެއްވުމުން ކޮންމެ ސުވާލެއް ކުރިޔަސް މައްސަލައަކަށް ނުވާނެކަން އެނގުނެވެ.

ލުއި ސުވާލުތަކުން ބަސްތީގަތުން ފެށުމުގެ ބަދަލުގައި ސީދާ ރިޔާސީ އިންތިހާބާއި ގުޅޭ ސުވާލުތައް ކުރީމެވެ. ދެންގެ ޓީމަށް ޝުކުރު އަދާކޮށް މުއިއްޒުގެ ޖަވާބުތައް ފެއްޓެވި އެވެ. ސުވާލަކަށްފަހު ސުވާލަކަށް ޖަވާބު ދެއްވަމުން ގެންދެވީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ. ފާހަގަކުރެވުނު ބައެއް ސުވާލުތަކާއި އޭގެ ޖަވާބުތައް ހިއްސާކޮށްލާނަމެވެ.

 

ޑރ. މުއިއްޒު ވެރިކަމާއި ކުރިމަތިލެއްވުމާއިއެކު އެމްޑީޕީން އެންމެ ފުރަތަމަވެސް ދައްކަން ފެށި ވާހަކައަކީ ސަލަފާއި ގުޅުން އޮތްކަމަށް. އަދި މީގެ ސަބަބުން ރާއްޖޭގައި ތޯލިބާނުންގެ ވެރިކަމާއި އެއްގޮތް ވެރިކަމެއް އައިސްދާނެކަމަށް. މިކަމާއިމެދު ކީކޭތޯ ވިދާޅުވާނީ؟

އެހެން ވިދާޅުވާ ބޭފުޅުން އޭގެ އަސާސެއް ދައްކަން ޖެހޭނެ. ބޭސިސްއެއް. ނޯންނާނެ ދައްކާނެ އެއްޗެއް. އަޅުގަނޑާ ބެހޭގޮތުން ދައްކާ އެފަދަ ހުރިހާ ވާހަކައެއްވެސް އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް. ދެން އެވާހަކަތައް ދައްކާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކީއްކުރަންކަން އެވާހަކަ ދައްކަވަނީ. އަޅުގަނޑުގެ ފަރާތުން ފެންނަން އޮންނާނީ ވަރަށް ސާފުކޮށް އޮތް ބެކްގްރައުންޑެއް. ވަރަށް ސާފު ފަސްބައެއް އޮންނާނީ. އެއްވެސް ޖަމާއަތަކާ އަޅުގަނޑަކާ ގުޅުމެއް ނޯންނާނެ. ސަލަފެއް ނޫން. އެހެން އެއްވެސް ޖަމާއަތަކާ. މިސަރުކާރާ ނޫންތޯ ގުޅިފަ ކޯލިޝަން ހަދައިގެން މިއޮންނަނީ ދީނީ ޕާޓީއަކާވެސް. އަޅުގަނޑާ އެއްވެސް ގުޅުމެއް އޮތްބައެއް ނޫން ސަލަފަކީ އެއީ. އަދި އެބޭފުޅުންނާ އެކީގަ އަޅުގަނޑާ އެއްވެސް ސިޔާސީ މަޝްވަރާއެއް ކުރެވި ވަކިކަހަލަ ބައްދަލުވުމެއް ބޭއްވި، މިދެންނެވީ އަންޑަސްޓޭންޑިންއަކަށް އައިސް އެކަހަލަ ކަމެއް ކުރި މީހެއް ނޫން ކުރާނެވެސް މީހެއްނޫން. އެހެންވީމަ އެބޭފުޅުން އެދައްކާ ވާހަކައިގެ އަސާސެއް އޮންނަންވާނެ އެއްނު. މިތަނުގަ ވަކިކަހަލަ ގޮތަކަށް ކަންތައްތައް ކުރަން މަޖުބޫރު ކުރާނެ ވާހަކަ ދައްކާއިރުގަ ކުރީގަ މާޒީން އަޅުގަނޑުގެ ކިބައިން ފެންނަންވެސް ޖެހޭންނު އެކަހަލަ ކަންތައްތައް. އެހެންވީމަ އެއްގޮތަކަށްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދެކެވޭ ވާހަކަތަކެއް ނޫން އެހުންނަނީކީއެއް. ދެން އަޅުގަނޑުމެން ކެމްޕެއިން ތެރޭގަ މިލިބޭ ކުޑަ ވަގުތުކޮޅު ތެރޭގައެއް ނުބަލަން އެހެން އަންނަ ކަންކަމަކަށް ރައްދު ދިނުމަކީ އަޅުގަނޑު ކުރަންޖެހޭނެ ކަންކަން ކަމަކަށް. އެއަށްވުރެއް މާ ސާފުކޮށް ރައްޔިތުންނަށް އެނގޭނެ އަޅުގަނޑަކީ ކާކުކަން. އަޅުގަނޑުގެ ފަރާތުން ފެންނަންށޭ މިހިރީ އަޅުގަނޑަކީ ކާކުކަން. ބަޔާން ކުރެވިދާނެ ގަބޫލު ކުރެވޭނެ ކަންތައްތައް. އެތައް އަހަރެއްގެ މާޒީ އެއޮތީ ފެންނަންށޭ. އަދި މިހާރު ކަން ކުރާގޮތްވެސް ފެންނަންށޭ މިއޮތީ. އެހެންވީމަ މީހުން ހިތްތަކަށް ބިރުވެރިކަން ވައްދަން، ޑައުޓު އުފައްދަން، އަޅުގަނޑަކަށް ހިއެއް ނުވޭ މިހާރު މިއޮތް ހޭލުންތެރި މުޖުތަމައުގަ މީހުން ގަބޫލުކުރާނެ ކަމެއް ކަމަކަށް. އެހެންވީމަ އަޅުގަނޑު މާބޮޑަކަށް ކަންބޮޑެއް ނުވޭ އެކަހަލަ ކަންކަމަކާ. ދީނުގަ އޮންނަ މާތް މެދުމިނުގެ ސިޔާސަތު ނޫން އެހެން ސިޔާސަތަކަށް އަޅުގަނޑު މިތަނަކަށް ގެންނަން ފުރުސަތެއްވެސް ނުދޭނަން. އެކްސްޓްރީމިޒަމް އޭގެ ދެ އެންޑުގަވެސް އެއީ ގައުމުގަ އޮންނަންވާނެ ކަމެއް ނޫން. ދީނުގެ ނަމުގަ ގޮސް ހައްދުފަހަނަ އަޅާ ދިޔުން ހަމަ އެއްކޮށް ނައްތާލެވެންވާނެ. އެހެންވީމަ އެފަރާތްތަކަށް ވިސްނަދީގެން ތައުލީމީގޮތުން ރަނގަޅަށް އުނގަންނައިދީގެން އަނބުރާ ދީނީ މިންގަނޑު ތެރެއަށް އަނބުރާ ގެނައުމަށް މަސައްކަތް ކުރުމާ ދެން ދީނުން ބޭރުފާ ފަރާތްތައްވެސް ހަމަ އެމީހުންނަށް ވިސްނަދީގެން އަނބުރާ ދީނަށް ގެނައުމާ....

ނިންމުން 23 ޕްރޮގުރާމުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ނިންމުން 23 ޕްރޮގުރާމުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

 

އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމާ އެ އެއްބަސްވުންތައް އުވައިލުމާމެދު އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އަމަލު ކުރައްވާނީ ކިހިނެއްތޯ؟ އިންޑިއާ އައުޓްގެ އަޑު މަޑުވެފަވާއިރު، މި ސްޓޭންޑު ބަދަލުވީތޯ؟

އަޅުގަނޑުމެންގެ ސްޓޭންޑަކީ އަބަދުވެސް އެއް ސްޓޭންޑެކޭ އިނގޭތޯ. މިގައުމުގެ މިނިވަންކަން ހިމާޔަތްވާން ޖެހެއޭ. އަޅުގަނޑުމެންގެ މިނިވަންކަން ކޮމްޕްރޮމައިޒްއެއް ނުކުރެވޭނެއޭ. މިއީ މިނިވަން ދައުލަތެއް އދ ގަ އޮތް. މިނިވަން ދައުލަތެއް މިއީ. އެހެންމަ އަޅުގަނޑުމެންގެ މިނިވަންކަމާ ދޭތެރޭ ބަސް ބުނުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ނޯންނާނެ. އެފުރުސަތެއް ނުލިބޭނެ. ނުވެސް ދޭނަން. އެކަމަކު އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާވެސް ގާތް ގުޅުމެއް އޮންނަ ރަހުމަތްތެރި ގައުމަކަށް ވާން ޖެހޭނެ. އެއީ ބޮޑު ގައުމެއް ކުޑަ ގައުމެއް ނުބަލާ. އަޅުގަނޑުމެންނާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ އެންމެންނާވެސް. އެކަމަކު ވަކި ހުދޫދެއްގެ ތެރޭގަ. މިތަނުގަ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ އެއީ އެކްސެޕްޓް ކުރެވޭނެ ކަމެއް ނޫން. ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން އެއީކީ. އަޑި ނޭނގޭ ގޮތް ނޭނގޭ އެގްރީމެންޓުތަކެއް ހުރުމަކީ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބޭ ކަމެއް ނޫން. މީޑިއާގަ އެކި ފަރާތްތަކުން ރައިޓް ޓު އިންފޮމޭޝަންއަށް އެދިގެންވެސް ޝަރީއަތާއި ހަމައަށް ދާއިރުގަ ދައުލަތުގެ ސަލާމަތަށް ނުރައްކާވާނެއޭ ކިޔާފަ ހާމަ ނުކުރާ ކޮމާޝަލް އެގްރީމެންޓުތައް އެބަހުރި. އެހެންމަ މިހިސާބަށް ކަންތައްތައް ދިޔައީމަ ރައްޔިތުންނަށް ސުވާލު އުފެދޭނެ...

 

ފުލް އިންޓަވިއު ދެން އެމްވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ބައްލަވާލެވޭނެ

 

ޑރ. މުއިއްޒުގެ ބަސްތީގަތުމުން ފާހަގަކުރެވުނު އިތުރު ނުކުތާތައް؛

  • އެހެން ގައުމުތަކާއިއެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން ބަލައި، ކަންބޮޑުވާ ކަންކަން ރައްޔިތުންނަށް ހާމަކުރުން.
  • ތިލަމާލެ ބްރިޖުގެ މަޝްރޫއު އެއްބަސްވުން ރިވިއުކޮށް ބްރިޖުގެ މަސައްކަތް އަވަސް ކުރުން.
  • ބޯހިޔާވަހިކަމަށް ސްކީމްތަކެއް ތައާރަފުކޮށް މުޅި މައްސަލައަށް ހައްލެއް ހޯދުން
  • ޝަރުއީ ނިޒާމު ސިޔާސީ ނުފޫޒުން މުޅިން އެއްކިބާ ކުރުން

 

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕެއިން ދަތުރުފުޅުތަކުގައި ވަޑައިގެން ތާއީދު އޮތްކަމަށް ރައްޔިތުންނަށް ދައްކަން މަސައްކަތް ކުރިނަމަވެސް އެވަރުގެ ތާއީީދެއް ނެތްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުން، ހާއްސަކޮށް ޒުވާނުން ތިބީ ސިޔާސީ ކަންކަން މަތިން ވަރަށް ބޮޑަށް ފޫހިވެފައެވެ. އެހެންކަމުން އިންތިހާބުތަކުގައި ވާ ވައުދުތައް ފުއްދުމަކީ ރައްޔިތުންގެ އިތުބާރު ހޯދަން ވަރަށް މުހިންމު ކަމެއްކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ކޮންފިޑެންސާއިއެކު ހުންނަވައި ހުރިހާ ސުވާލުތަކަކަށް ޑރ. މުއިއްޒު ދެއްވީ ސާފު ޖަވާބުތަކެކެވެ. އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނުގެ އެބަ އޮތެވެ. ހާއްސަކޮށް މިވޭތުވެދިޔަ ކުރު މާޒީގައި ރަށްރަށަށް ވަޑައިގެން ކުރެއްވި ބައްދަލުވުންތަކުން އެމަންޒަރު ވަރަށް ބޮޑަށް ސިފަވިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އަކީ 7 އަހަރުގެ މުއްދަތެއްގައި ރާއްޖޭގެ ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަނެއްކޮޅުން އެމަނިކުފާނަކީ މާލެ ސިޓީގެ މޭޔަރުކަން ފުރަތަމަ ފަހަރަށް އެމްޑީޕީ ނޫން ޕާޓީއަކަށް ހޯއްދަވައި ދެއްވި މޭޔަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!