ޚަބަރު ސިޔާސީ

ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލްކޮށް، ސަންގު ޓީވީގެ ބަހުސްއާއި ގުޅެން ނިންމައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން ރިޔާސީ އިންތިޚާބަށް އިންތިޒާމްކޮށްގެން ބާއްވާ "ރިޔާސީ ބަހުސް" ވަކިން ބޭއްވުމުގެ ބަދަލުގައި ސަންގު ޓީވީއާއި ގުޅިގެން އެ ބަހުސް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

Ads by MWSC

ސެޕްޓެންބަރު މަހު 1 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ ބަހުސް ކެންސަލްކުރިކަން އިއުލާނުކޮށް ޕީއެސްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ.

އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށާއި އެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފެންނަކަމަށެވެ.

ހަމައެއާއެކު މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ގަސްތުކުރާކަމަށް ޕީ.އެސް.އެމްގެ ބަޔާނުގައި ބުނެފައިވާއިރު ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީ.އެސް.އެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށްވެސް ޕީ.އެސް.އެމްއިން މައުލޫމާތުދީފައިވެއެވެ.

ޕީއެސްއެމްގެ ރިޔާސީ ބަހުސް ފަހު ވަގުތު މި ކެންސަލްކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެ ބަހުސްގައި ބައިވެރިވެވަޑައިނުގަނެވޭތީ އެހެން ދުވަހަކަށް ފަސްކޮށްދޭން އެދިފައި ވަނިކޮށެވެ.

ރިޔާސީ ބަހުސްގައި ރައީސް ޞާލިޙަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް ޞާލިޙުގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ކުރިން ވިދާޅުވީއިރު، އެމްޑީޕީން ވަނީ ހަމަ އެރޭ މާލޭގައި ޖަލްސާއެއް ބާއްވަން ނިންމައިފައެވެ.

ނަމަވެސް މާރިޔާ މިއަދު ވިދާޅުވީ ޕީއެސްއެމްގެ ބަހުގައި ރައީސް ބައިވެރިވެވަޑައިނުގަނެވެނީ އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާތީ ކަމަށާއި އެ ޖަލްސާ އޮތީ މާ ކުރިން ތާވަލުކޮށްފައި ކަމަށާއި ޖަލްސާ ކުރިއަށް ގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އޭގައި އެހެންވެ އަޅުގަނޑުމެން އަބަދުވެސް އެދެނީ ކުރިއާލާ ތާރީހުތައް ދެއްވުމަށް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިއަދު ވިދާޅުވީ، ދެ އިވެންޓް އެއް ތާރީޚެއްގައި އޮންނާތީ، އެ ޕާޓީން ބަހުސް ފަސް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް ބަހުސް ފަސް ކުރަން ޑިމޮކްރެޓްސްއިން ވަނީ، ދެކޮޅު ހަދައިފައެވެ.

“އުފާވެރި މާލެ“ ގެ ނަމުގައި އެމްޑީޕީން އަންނަ މަހުގެ އެކެއްގައި ޖަލްސާ ބާއްވަން ނިންމާފައިވަނީ އެ ރޭ 20:30 ގައި ކާނިވާ ސަަރަހައްދުގައެވެ.

  1. ޟަލާ

    ސަންގު ޓީވީގެ ބަހުސް އޮތީ ކޮން ރެއަކު؟؟

  2. އަރެން

    ކޮބާ ސޯލިހު ލަދުގަތީދޯ