ޚަބަރު

ޕީޕީއެމް-ޕީއެންސީން ފާރިސްގެ ޓީމާއިއެކު މަޝްވަރާގެ މޭޒަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފާރިސް މައުމޫނުގެ ޓީމާއިއެކުގައި ޕީޕީއެމް/ޕީއެންސީ އިން ކޯލިޝަން ހެދުމަށް މަޝްވަރާ ކޮށްފިއެވެ.

Ads by Hajj Corporation

މި މަޝްވަރާގައި ފާރިސްގެ ލީޑަރޝިޕްގެ ދަށުން، އެމްއާރްއެމްގައި މަސައްކަތް ކުރެއްވި މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް، އިދިކޮޅުން ހިއްސާކުރި ބައްދަލުވުމުގެ ފޮޓޯއިން ފެނެއެވެ.

މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެއް ދެފަރާތުން ވެސް އަދި ހާމައެއް ނުކުރެއެވެ. މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް، ޕީޕީއެމް-ޕީއެންސީ އާއިއެކުގައި އެމްއެންޕީން ވަނީ ކޯލިޝަން ހަދައިފައެވެ. ކޯލިޝަން ހެދުމަށް، ވާދަވެރި އެހެން ހުރިހައި ޕާޓީތަކަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދަޢުވަތު ދެއްވައިފައެވެ. އެގޮތުން ރޭ ޖޭޕީ އާއިއެކުގައި މަޝްވަރާ ކުރިއިރު، އެ ޕާޓީން އަދި ގޮތެއް ނުނިންމައެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސް އިން ވެސް ގޮތް ނިންމައިފައެއް ނުވެއެވެ.

ދެވަނަ ބުރުގައި ވާދަ ކުރާ އެމްޑީޕީން ވެސް ގެންދަނީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ ޕާޓީން ފުރަތަމަ ބުރަށް ނުކުތީ އޭޕީ އާއި އެމްޑީއޭއާއިއެކުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!