އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް ތުހުމަތު ކޮށްފި
އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތު ކޮށްފިއެވެ.
އިނގިރޭސި ވިލާތުގެ ޝާހީ ގަނޑުވަރު، ޑައުނިންގ ސްޓްރީޓުން ބުރާސްފަތި ދުވަހު ބުނީ ޗައިނާއިން އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ސިޔާސީ ދާއިރާ، ދިފާއީ އަދި ވިޔަފާރީގެ ދާއިރާއިން ކޮންޓްރެކްޓްތަކެއް ހުށަހަޅަނީ އިނގިރޭސި ވިލާތުގެ ސަރުކާރުގެ އެތެރޭގެ މަސައްކަތްތަކުގެ މައުލޫމާތު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ޖާސޫސީ ކެމްޕޭނެއްގެ ދަށުން ކަމަށެވެ.
ޗައިނާގެ ރެކްރޫޓްމަންޓް ސްކީމްތަކުން މަސައްކަތްކޮށްފައި ވަނީ އިނގިރޭސިންނާއި އަދި އިނގިރޭސި ވިލާތާ ގުޅިފައިވާ ގައުމުތަކުގެ އިސް މަގާމުތަކުގައި ތިބިބޭފުޅުންނަށާއި، އިލްމާއި ތަޖުރިބާގެ ގޮތުން ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ކަމަށް އިގިރޭސި ސަރުކާރުން ބުނެފައި ވެއެވެ.
އިނގިރޭސި ސަރުކާރުން ޗައިނާގެ މައްޗަށް މިފަދަ ތުހުމަތު ތަކެއް ކޮށްފައި މިވަނީ އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްގެ ކޮންޒަވޭޓިވް ސަރުކާރަކީ ބެއިޖިންއިން ދިން ކަމަށް ބުނާ "ވަރުގަދަ އަދި ހަރުކަށި" އިންޒާރުތައް މެނޭޖް ކުރުމުގެ ގާބިލުކަން ނެތް ސަރުކާރެއް ކަމަށް ބުނެ މިދިޔަ ޖުލައި މަހު ނެރުނު އިންކުއަރީ ރިޕޯޓަކާ ގުޅިގެން ނެވެ.
ބޮޑުވަޒީރު ސުނަކްގެ ސަރުކާރުން ވަނީ ޗައިނާގެ ޖާސޫސީ މަސައްކަތްތަކާ ދެކޮޅަށް ތެދުވާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ލިންކްޑަން ފަދަ ސޯޝަލް މީޑިއާ ވެބްސައިޓްތަކުގައި ހަދާފައިވާ ފޭކް ޕްރޮފައިލްތައް ދެނެގަތުމަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާތައް ހިމެނޭ ގޮތަށް ޗައިނާގެ ރެކްރޫޓްމަންޓް އޮފާތަކުން އޮފިޝަލުންނަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށް ޓަކައި ގޮތްތަކެއް ތަންފީޒުކޮށްފައިވާ ކަމަށެވެ.
ހަތަރު އަހަރުގެ އިންކުއަރީއަކަށް ފަހު މިދިޔަ ޖުލައި މަހު ޝާއިއުކުރި އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމިޓީން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އިނގިރޭސި އިގްތިސާދާ ގުޅުން ހުރި ނާޒުކު މައުލޫމާތުތައް ޗައިނާގެ ޖާސޫސުންނަށް ކާމިޔާބުކަމާއެކު ލިބިފައިވާ ކަމަށާއި ސަރުކާރުގެ ޖަވާބަކީ "މުޅިން އެކަށީގެންވާ ޖަވާބެއް ނޫން" ކަމަށެވެ.
ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސުނަކް ވިދާޅުވީ ގޯސްތަކެއް ހެދިފައިވާ ކަމަށާއި ސަރުކާރަށް މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވުނީސް ކަމަށެވެ.