ކޮރަޕްޝަންގެ މައްސަލައެއްގައި ޗައިނާގެ ޑިފެންސް މިނިސްޓަރު ބެދިއްޖެ
ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވަންދެން އާންމުންގެ ނަޒަރުން ގެއްލުނު ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫގެ މައްސަލަ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކަމާ ބެހޭ މައުލޫމާތު އެނގޭ 10 މީހަކު ބުނެފި އެވެ.
ސަރަހައްދީ ސެކިއުރިޓީ އޮފިޝަލަކާއި ޗައިނާގެ އަސްކަރިއްޔާއާ ޑައިރެކްޓް ކޮންޓެކްޓްވި ތިން މީހަކު ބުނި ގޮތުގައި ލީގެ ތަހުގީގަކީ އަސްކަރީ ސާމާނު ހޯދުމާ ގުޅުން ހުރި ތަހުގީގެކެވެ. ރޮއިޓާސް އަށް ވަނީ ކޮން އިކުއިޕްމަންޓެއް ގަތުމުގެ މައްސަލަ ބަލަނީ ކޮން ބައެއްގެ ތަފްސީލެއް ހޯދިފައެއް ނުވެ އެވެ.
އަސްކަރިއްޔާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ބުނި ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ލީ އިސްކޮށް އުޅުއްވި ޗައިނާ ގެ އަސްކަރިއްޔާގެ ޕްރޮކިއުމަންޓް ޔުނިޓުގެ އިސް އަށް އޮފިޝަލަކު ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މިދިޔަ މާޗް މަހު ޑިފެންސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ލީ އާއި އެ އަށް އޮފިޝަލުންގެ ތަހުގީގު ކުރިއަށް ގެންދަނީ އަސްކަރިއްޔާގެ ބާރުގަދަ ޑިސިޕްލިނަރީ އިންސްޕެކްޝަން ކޮމިޝަނުން ކަމަށް އެ ދެ މީހުން ބުންޏެވެ.
ލީގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ތަހުގީގު ކުރިއަށް ގެންދާނެ ވަގުތާ ބެހޭ ގޮތުން ރޮއިޓާސް އިން ތަފްސީލީ ތަހުގީގެއް ކުރިއަށް ގެންދަނީ ޗައިނާގެ ސިޔާސީ އަދި ދިފާއީ އިސް ވެރިންނާ ގަވާއިދުން މުއާމަލާތް ކުރާ ފަރާތްތަކާއި ޗައިނާގެ ސިޔާސީ ކަންކަމާ ބެހޭ ގޮތުން ވަރަށް ގާތުން މައުލޫމާތު ލިބިފައިވާ ސަރަހައްދީ އޮފިޝަލުންނާ އިންޓަވިއުކޮށްގެންނެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ހުކުރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަމަނާއަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިކަމާ ގުޅިގެން ސްޓޭޓް ކައުންސިލާއި ޑިފެންސް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ލީއަށް ގުޅާލެވޭ ގޮތެއް ނުވިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ލީގެ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށް އެމެރިކާ ސަރުކާރުން ގަބޫލުކުރެ އެވެ. ވޯލް ސްޓްރީޓް ޖާނަލްގައި ބެއިޖިންގައި ނިންމުންތައް ނިންމުމުގައި ގާތް ބޭފުޅަކާ ހަވާލާދީ ބުނެފައި ވަނީ އޭނާ މިދިޔަ ހަފުތާގައި ގެންދިޔައީ ސުވާލު ކުރުމަށް ކަމަށެވެ.