ބައިޑަންގެ އެޑްވައިޒަރު ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވަނީ
ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުން ޕެސިފިކް ސަރަހައްދުގެ ވިޔަފާރީގެ މައްސަލަތަކާއި އަސްކަރިއްޔާ ގެނައުމާ ގުޅޭ ގޮތުން އުފެދިފައިވާ ނުތަނަވަސްކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ އެކު މި ހަފުތާ ބަންދުގައި މޯލްޓާގައި "ސާފު" މަޝްވަރާތަކެއް ކުރައްވައިފި އެވެ.
ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ބޭއްވި ދެ ދުވަހުގެ މަޝްވަރާތަކުގައި ވަންގް ވަނީ ޗައިނާ އިން އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ބުނާ އަމިއްލަ ވެރިކަން ކުރާ ޑިމޮކްރެޓިކް ޖަޒީރާ ގައުމެއް ކަމަށްވާ ޓައިވާނުގެ މައްސަލަ "ޗައިނާ-އެމެރިކާ ގުޅުމުގައި ހުރަސް ނުކުރެވޭނެ ރަތް ލައިން" އެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އެމެރިކާއިން ވަނީ ޗައިނާގެ ހަމަލާތަކުން ޓައިވާން ދިފާއުކުރާނެ ކަމަށް ބުނެފަ އެވެ.
"ޓައިވާން ކަނޑުއޮޅިން ސުލްހަ އާއި ހަމަޖެހުމުގެ މުހިންމުކަން އެމެރިކާއިން ފާހަގަކުރި،" ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުވާސަލާތީ މި ސްޓްރެޓެޖިކް ޗެނަލް ދެމެހެއްޓުމަށާއި އިތުރު މަތީ ފަންތީގެ ގުޅުން ތައް ކުރިއަށް ގެންދިއުމަށް ދެ އޮފިޝަލުން ވައުދުވެފައިވާ ކަމަށެވެ.
މޯލްޓާގެ ބައްދަލުވުމާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ފަރާތުން ވެސް ވަރަށް ސާފު، ހަރުދަނާ އަދި ބިނާކުރަނިވި ސްޓްރެޓެޖިކް މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށެވެ.
އެމެރިކާއިން ގައުމީ ސަލާމަތުގެ ނަމުގައި ޓެކްނޮލޮޖީ އާއި ވިޔަފާރީގެ މައްސަލަތައް ހަތިޔާރު ކުރާ ކަމަށް ޗައިނާއިން ތުހުމަތު ކުރާއިރު، ޓައިވާނާއި ޕެސިފިކް ސަރަހައްދުގައި ޗައިނާގެ އަސްކަރީ އެދުންތަކާ ދެކޮޅަށް ވޮޝިންޓަނުން ވަނީ ބެއިޖިންއަށް އިންޒާރު ދީފަ އެވެ. އެމެރިކާއިން ވަނީ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާތީ އެކަމާ ދެކޮޅަށް ސަލާމަތީ އިއްތިހާދުތައް އުފައްދައިފަ އެވެ.
ސުލިވާން ވަންގްއާ އެކު ބޭއްވެވި ބައްދަލުވުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބައްދަލުވުމެއްގެ ބިންގާ އެޅުމަށް އެމެރިކާ އާއި ޗައިނާގެ އޮފިޝަލުންގެ މެދުގައި ކުރިއަށް ގެންދިޔަ ސިލްސިލާ މަޝްވަރާތަކުގެ ތެރެއިން އެންމެ ފަހުގެ ބައްދަލުވުމެވެ.