ފަސްޓްލޭޑީގެ ދިފާއުގައި އެޗްއާރްސީއެމުން ބަޔާން ނެރެފި

ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފުސަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ގޮވާލައިފިއެވެ.
އެޗްއާރުސީއެމުން މިކަމަށް އިޝާރާތްކޮށް ބަޔާނެއް ނެރެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގެންނެވުމުން އާންމުންގެ ތެރެއިން ބައެއް ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އަޅާ ފުރައްސާކޮށްފައި ވާތީއެވެ.
އެގޮތުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެޗްއާރްސީއެމުން ބުނީ އިންތިޚާބުގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ޤާނޫނީ ހައްޤެއް ކަމަށެވެ.
ހަމަ އެހެންމެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެކަކު އަނެކަކުގެ ހައްޤުތަކަށް އިހުތިރާމުކޮށް ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން މަސައްކަތް ކުރުމަށް އެޗްއާރްސީއެމުން ވަނީ ގޮވާލާފައެވެ.
އެޗްއާރްސީއެމުން ބުނީ ކެންޑިޑޭޓުންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފުސަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް ނުކުރުމަށް ގޮވާލާ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން މިފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމަށް ވެސް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.







ކޮމެންޓް