ހަދަމުންދާ ރިސޯޓުތަކުގެ ޖޫރިމަނާއިން ހަތަރު ބިލިއަން ރުފިޔާ މާފު ކޮށްދީފި

ޓޫރިޒަމް މިނިސްޓްރީން ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މާފުކޮށްދީފި އެވެ.
މިކަން ހާމަކޮށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ކުލީގެ ޖޫރިމަނާ އިން ބޮޑު އަދަދެއް މާފުވެގެންދިޔައީ، ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ.
ޖޫރިމަނާ މާފުވި އެއްވެސް ރިސޯޓެއްގެ ތެރޭގައި މިހާރު ހިންގަމުން ގެންދާ ރިސޯޓެއް ނުހިމެނޭނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވެފައި ވެއެވެ.
މިގޮތުން އެއީ ކޮންސްޓްރަކްޝަންގައި ރިސޯޓް އޮތް ވަގުތުގެ ތެރޭގައި ހިނގާފައިވާ ޖޫރިމަނާ އާއި ހަދަމުން އަންނަ ރިސޯޓްތަކުގެ ކުލީގެ ޖޫރިމަނާ ކަމަށް މައުސޫމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މައުސޫމް ވިދާޅުވީ، މި ބަދަލުގެ ތެރެއިން 0.5 ޕަސެންޓް ރޭޓުން އަރަމުންދިޔަ ޖޫރިމަނާ ދައްކަން ޖެހޭނީ 0.0493 ޕަސެންޓްގެ ރޭޓުން ކަމަށެވެ.
ހަދަމުންދާ ރިސޯޓުތަކުގެ ޖޫރިމަނާ އިން ހަތަރު ބިލިއަން ރުފިޔާ މާފު ކޮށްދީފައި ވާއިރު މި ލުއި ލިބުނީ ކިތައް ރިސޯޓަށް ކަމެއް، އަދި އެއީ ކޮން ބައެއްގެ ކޮން ރިސޯޓްތަކެއް ކަމެއް ޓޫރިޒަމް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.