ދުނިޔެ

ބޮޑުވަޒީރު މޯދީގެ އުފަންދުވަހު، އިންޑިއާގެ ހައިސްޕީޑް ރޭލްވޭ ސްޓޭޝަން މެޓްރޯ ރަސްމީކޮށް ހުޅުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ 73 ވަނަ އުފަން ދުވަހު، އިންޑިއާގެ ހައިސްޕީޑް ރޭލްވޭ ސްޓޭޝަން މެޓްރޯ ރަސްމީކޮށް ހުޅުއްވައިދެއްވާނެ ކަމަށް، ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، އާދިއްތަ ދުވަހު، މޯދީ އައިއައިސީސީގެ މެޓްރޯ ސްޓޭޝަން ހުޅުއްވައިދެއްވާނެ ކަމަށެވެ.

މި ލައިންގައި ދަތުރުކުރާ ރޭލުތައް ގަޑިއަކު 120 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވޭނެއެވެ. މިއީ މިހާތަނަށް މިސަރަހައްދުގައި ގާއިމް ކުރެވުނު އެންމެ ހަލުވި ސްޕީޑްގައި ދަތުރުކުރާ ރޭލްވޭ ސްޓޭޝަނެވެ.

ބޮޑުވަޒީރުގެ އުފަންދުވަހާ ގުޅިގެން އިތުރު ކަންތައްތަކެއް ވެސް ކުރިއަށް ގެންދިއުމަށް އިންޑިއާގެ އޮފިޝަލުން ރާވާފައިވާއިރު، ދުނިޔޭގެ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް "ޔަޝޯބޫމީ"ގެ ނަމުގައި ހުޅުވުން ހިމެނެއެވެ.

އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެކްސްޕޯ ސެންޓަރ (އައިއައިސީސީ)ގެ ނަމުން ނަންދެވިފައިވާ މި މަޝްރޫއަކީ 221 އޭކަރުގެ ސަރަހައްދެއްގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޕީއެމްއޯގެ ބަޔާނުގައި ބުނެފައިވަނީ ދުއާކާ ސެކްޓާ 25ގައި އާ މެޓްރޯ ސްޓޭޝަން ހުޅުވުމާއެކު ޔަޝޯބޫމީ (އައިއައިސީސީ) ވެސް ދިއްލީ އެއާޕޯޓް މެޓްރޯ އެކްސްޕްރެސް ލައިނާ ގުޅާލާނެ ކަމަށެވެ. ދިއްލީ މެޓްރޯއިން އެއާޕޯޓް އެކްސްޕްރެސް ލައިންގައި މެޓްރޯ ރޭލުތަކުގެ އޮޕަރޭޝަނަލް ސްޕީޑް ގަޑިއަކު 90 ކިލޯމީޓަރާ 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނަށް އިތުރުކުރާނެއެވެ. ނިއު ދިއްލީއިން ޔަޝޯބޫމީ ދުއާކާ ސެކްޓާ 25 އަށް ކުރާ ޖުމްލަ ދަތުރަށް ނަގާނީ ގާތްގަނޑަކަށް 21 މިނެޓު ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ދިއްލީ މެޓްރޯ ރޭލް ކޯޕަރޭޝަން (ޑީއެމްއާރްސީ)ގެ އޮފިޝަލުން ވިދާޅުވީ، 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެއާޕޯޓު އެކްސްޕްރެސް ލައިން ފެށުނީއްސުރެ، ގަޑިއަކު 90 ކިލޯމީޓަރުގެ ބާރުމިނުގައި ރޭލުތައް ދުއްވާ ކަމަށެވެ.

މި ސްޕީޑް ހާސިލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ބެހޭގޮތުން ސުވާލު ދެންނެވުމުން، ދިއްލީ މެޓްރޯ ރޭލް ކޯޕަރޭޝަންގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޕްރިންސިޕަލް އެގްޒެކެޓިވް ޑިރެކްޓަރު އަނޫޖް ދަޔާލް ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅާ ކޮންމެ ފަހަރަކު ތަފްސީލީ ޕްރޮޓޮކޯލްތަކެއް އޮންނަ ކަމަށާއި، ކޮމިޝަނާ ފޯ މެޓްރޯ ރޭލް ސޭފްޓީ (ސީއެމްއާރްއެސް) އިން ރުހުން ދިނުމަކީ ލާޒިމް ކަމެއް ކަމަށެވެ. ގަޑިއަކު 120 ކިލޯމީޓަރުގެ ބާރު މިނުގައި ރޭލުތައް އޮޕަރޭޓް ކުރުމަށް ސީއެމްއާރްއެސްގެ އެޕްރޫވަލް މި މަހުގެ ކުރީކޮޅު ވަނީ ލިބިފައެވެ.

މި އަހަރުގެ ކުރީކޮޅު ޑީއެމްއާރްސީން ވަނީ ރޭލުތައް ބާރު ސްޕީޑުގައި ދުއްވުމުގެ ޓްރަޔަލްތައް ފަށާފައެވެ. މެޓްރޯގެ އޮފިޝަލުން ވިދާޅުވިގޮތުގައި ފާއިތުވި މަސްތަކުގައި ރޭލުތައް ދުއްވަނީ 110 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

ދުއާކާ ސެކްޓާ 21 މެޓްރޯ ސްޓޭޝަނުގައި މިހާތަނަށް ރޭލުތައް ވަނީ ހުއްޓާލާފައެވެ. އަލަށް ތައާރަފުކުރި މި ސްޓޭޝަންތަކާއެކު މުޅި ލައިނުގައި ހަތް ސްޓޮޕެއް އޮންނާނެއެވެ.

މިހާރު އައިޖީއައި އެއާޕޯޓާއި ނިއު ދިއްލީ މެޓްރޯ ސްޓޭޝަނާ ދެމެދު ދަތުރުކުރުމަށް ގާތްގަނޑަކަށް 20 މިނެޓު ނަގާކަމަށާއި، އެ ދަތުރުތައް މީގެފަހުން ތިން މިނެޓަށް ކުޑަވާނެ ކަމަށް ދަޔާލް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!