ޚަބަރު ސިޔާސީ

ވެރިކަން ލިބިއްޖެނަމަ ގޮއިދޫ ފަޅު ތެރޭގައި ރިސޯޓް ތަރައްޤީ ކޮށްދޭނަން: މުޢިއްޒު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ވެރިކަން ލިބިއްޖެނަމަ ބ. ގޮއިދޫ ފަޅު ތެރޭގައި ރިސޯޓް ތަރައްޤީ ކޮށްދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. މުޢިއްޒު މިހެން ވިދާޅުވީ  ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ކުރައްވަމުންދާ ކެންޕޭންގައި މިއަދު ބ. ގޮއިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނަށް ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މުޢިއްޒު ވިދާޅުވީ، ވެރިކަން ލިބިއްޖެނަމަ ގޮއިދޫ ރައްޔިތުން އެދޭ ތަރައްޤީ ހާސިލް ކޮށްދެއްވާނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ތަރައްޤީ ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ މަޝްވަރާގެ މަތިންކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ހަމަ އެހެންމެ ކެމްޕޭންގައި މިހާތަނަށް ވެވަޑައިގެންނެވި ކޮންމެ ވަޢުދަކީވެސް އެކަން ކުރެވޭނެ ގޮތާއި، ކުރާނެ ގޮތް އެގިތިބެ ވަމުން އަންނަ ވައުދުތަކެއް ކަން ފާހަގަކުރައްވާ މުޢިއްޒު ވަނީ މި ސަރުކާރުގެ ފަސް އަހަރު ތެރޭ ރަށްރަށަށް އަޅާ ނުލާ ދޫކޮށްލާފައިވާ ކަން ފާހަގަކުރައްވާފައެވެ.

ގޮއިދޫގެ ރައްޔިތުންނާއެކު ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި މުޢިއްޒުވަނީ ގިނަ ކަންތައްތަކެއް އެ ރަށައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިގޮތުން ވެރިކަން ލިބިއްޖެނަމަ ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށާއި ސީޕްލޭންގެ ޚިދުމަތް ތަޢާރަފްކޮށްދީ ބަޔޯސްފިޔާއިން އިކޯޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަދޭނެ ކަމަށާއި ގޮއިދޫގައި ޒަމާނީ ބޯޅަ ދަނޑެއް ތަރައްޤީކޮށް ދެއްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި ގޮއިދޫ ސްކޫލްގެ ޖާގަ އިތުރުކޮށްދީ ގޮއިދޫގެ ސިއްޚީ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާ ގޮއިދޫ ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށްދީ ގޮއިދޫގައި ޒަމާނީ އިންޖީނުއެއް އަޅާދީ، ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށްދެއްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގޮއިދޫގެ ރަށް ގިރުމަށް ދިމާވެފައިވާ މައްސަލަ ހައްލު ކޮށްދީ ގޮއިދޫގައި ޒުވާނުންގެ މަރުކަޒެއް ތަރައްޤީކޮށްދީ އޭޓީއެމް އެއް ޤާއިމްކޮށްދެއްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!