ދުނިޔެ

19 އަހަރުފަހުން ބައްޝާރު ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސޫރިޔާގެ ރައީސް ބައްޝާރު ހާފިޛް އަލް-އަސަދު ޗައިނާއަށް ވަޑައިގަންނަވައިފިއެވެ. 2004 ވަނަ އަހަރަށް ފަހު އޭނާ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަންނަވާފައި ވަނީ ޗައިނާގެ އިރުމަތީގައި އޮންނަ ހަންގްޖޯއަށެވެ. އޭނާގެ މި ދަތުރުފުޅުގެ ބޭނުމަކީ، ބައިނަލްއަޤުވާމީ މުޖުތަމަޢުން ސޫރިޔާ އެކަހެރި ކޮށްލާފައި އޮތް އޮތުމަށް ނިމުމެއް ގެންނަން މަސައްކަތް ކުރެއްވުމެވެ.

Ads by Sosun Fihaara

ޗައިނާއަށް އަސަދު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެ ޤައުމުގައި ބާއްވާ އޭޝިޔަން ގޭމްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި ސޫރިޔާގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. އަދި، ރައީސް ޝީ ޖިންޕިންގްއާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ދޭދޭ ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ބައިނަލްއަޤުވާމީ މައިދާނުން ސޫރިޔާ އެކަހެރިކޮށްފައި ވަނީ އެ ޤައުމުގެ ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށިގެން ދިޔައީ 2011 ވަނަ އަހަރު އޭނާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ޢާންމު ރައްޔިތުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ރޫޅައިލަން އަސަދުގެ ސަރުކާރުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ.

އެއާއެކު ސޫރިޔާގެ ދާޚިލީ ހަމަނުޖެހުމެއް ފެށި ބޮޑު ހަނގުރާމައަށް ބަދަލުވެގެން ދިޔައެވެ. މި ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ޢަދަދު 500,000 އަށްވުރެ އިތުރުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި، އެތަކެއް މިލިޔަން މީހުންގެ ގެދޮރު ގެއްލި، ރެދިއުޖީންނަށްވިއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ކޮންމެ ވެސް ވަރެއްގެ ފިނިކަމެއް އައިސްފައިވާ މި ދަނޑިވަޅުގައި އަސަދު ގެންދަވަނީ ބައިނަލްއަޤުވާމީ މައިދާނަށް އެނބުރި އަންނަން މަސައްކަތް ކުރަމުންނެވެ. ހަނގުރާމައާ ގުޅިގެން ޢަރަބި ލީގުން ވެސް ސޫރިޔާ އެކަހެރިކޮށްލި ނަމަވެސް، މޭ މަހުގެ ތެރޭގައި ޢަރަބި ލީގުން ވަނީ ސޫރިޔާއަށް އަލުން މަރުޙަބާ ކިޔާފައެވެ. އަދި، 2022 ވަނަ އަހަރު ސޫރިޔާއިން ވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވްގައި ބައިވެރިވެފައެވެ.

ސޫރިޔާއިން އަލުން ޢަރަބި ލީގާ ގުޅުމާ އެކު އެ އިއްތިހާދުގެ ޤައުމުތަކުން ދަނީ އެ ޤައުމާ އެކު ގުޅުންތައް ބަދަހިކުރަން މަސައްކަތް ކުރަމުންނެވެ. މި ގުޅުންތައް ފުޅާ ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ދާޚިލީ ހަނގުރާމައާ ގުޅިގެން ސޫރިޔާ އެކަހެރިކޮށްލާފައި އޮތް ނަމަވެސް، އެ ޤައުމުން ދިޔައީ ޗައިނާއާއި ރަޝިޔާގެ އިތުރުން އީރާނާ އެކު ގާތް ގުޅުންތަކެއް ބާއްވަމުންނެވެ. ރަޝިޔާއާއި އީރާނުން ދަނީ ސޫރިޔާއަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެމެރިކާ، އޮސްޓްރޭލިޔާ، ކެނެޑާ، ސްވިޓްޒަލެންޑް އަދި ވިލާތުގެ ގިނަ ޤައުމުތަކުން އަސަދުގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އަދިވެސް ލުއިދީފައެއް ނުވެއެވެ. އަދި، އ.ދގެ ތެރެއިން އަސަދުގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުރި މަސައްކަތްތަކަށް ރަޝިޔާއާއި ޗައިނާއިން ވަނީ ހުރަސް އަޅާފައެވެ. އެއީ، އ.ދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނެވެ.

ސޫރިޔާއަކީ ޗައިނާއަށް ވަރަށް މުހިންމު ޤައުމެކެވެ. އެއް ސަބަބަކީ، ސޫރިޔާގެ އަވައްޓެރިންގެ ގޮތުގައި އިރާޤާއި، ތުރުކީވިލާތާއި އުރުދުން އޮތުމެވެ. ޗައިނާގައި ބޭނުންކުރާ ތެލުގެ 10 އިންސައްތަ ފޯރުކޮށްދެނީ އިރާޤުންނެވެ. ތުރުކީވިލާތަކީ އޭޝިޔާއާއި ވިލާތާ ގުޅުވައިދޭ މައި އިޤުތިޞާދީ މަރުކަޒެވެ. އަދި އުރުދުނަކީ މެދުއިރުމަތީގެ ސުލްޙައާއި ހަމަޖެހުމުގައި އިސް ދައުރެއް އަދާކުރާ ޤައުމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!