އަޅުގަނޑުގެ ސަރުކާރެއްގައި އެއްވެސް މީހަކަށް މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމައްޗެއް ނުވާނެ: މުޢިއްޒު

އެ މަނިކުފާނުގެ ސަރުކާރެއްގައި އެއްވެސް މީހަކަށް މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމައްޗެއް ނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ކެމްޕޭނުގެ ދެވަނަ ބުރަށް ތާއީދު ހޯއްދެވުމަށް މިއަދު ހަވީރު ބޭއްވި ގަލޮޅު ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއް ވާނީ ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭ ސަރުކާރަކަށް ކަމަށާއި މަޢުލޫމާތު ހޯދައި ލިބިގަތުމަށް އެއްވެސް ހުރަހެއް ވެސް ނާޅުއްވާނެ ކަމަށެވެ.
މުޢިއްޒުގެ ސަރުކާރުގައި ކުރިއަށްގެންދާ ކޮންމެ މަޝްރޫއަކާ ގުޅޭ މަޢުލޫމާތު، އެއްވެސް ވަރެއްގެ ހިފެހެއްޓުމެއް ނެތި ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ މުޢިއްޒުގެ ވެރިކަމެއްގައި ޖަވާބުދާރީވާން ނުކެރޭ އެއްވެސް މީހަކު އެއްވެސް މަޤާމެއްގައި ނުބަހައްޓާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މުޢިއްޒު ވިދާޅުވީ މިނިވަން މުއައްސަސާތަކަކީ ހަޤީޤީ މާނައިގައި މިނިވަން ތަންތަނަށް ހައްދަވައި ދެއްވާނެ ކަމަށެވެ.