އައިލެންޑް އޭވިއޭޝަންގެ އޮނިގަނޑާއި މުސާރަތައް އިންޓަނޭޝަނަލް އުސޫލުތަކާއި އެއްގޮތަށް ބަދަލުކުރާނަން: މުއިއްޒު
އައިލެންޑް އޭވިއޭޝަން ދާއިރާގެ އޮނިގަނޑާއި މުސާރައާއި އިނާޔަތްތައް އިންޓަނޭޝަނަލީ އެކަންކުރާ އުޞޫލުތަކާއި އެއްގޮތަށް ބަދަލުކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގައި މިރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަ އެމަނިކުފާނަށް މާ ބޮޑަށް ދެއްކިފައެއް ނުވާކަމަށާއި އެ ދާއިރާގައި އުޅުއްވާ ހުރިހާ ބޭފުޅުންވެސް އެކޮށްދެެއްވަނީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ.
"ޕައިލެޓުން އަދި އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ އެންމެން އެކޮށްދެނީ ވަރަށް ބުރަ މަސައްކަތެއް. އެކަން އަޅުގަނޑު ފާހަގަކުރަން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އޭވިއޭޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހެޔޮގޮތްތައް ހަދައިދޭނެ ވާހަކަ ދަންނަވަން" މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމީ އެއާލައިން ބަނގުރޫޓުވެފައިވާކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ޤައުމީ އެއާލައިން މިހާރު އޮތް ހާލަތުން ނަގައި އިރާދުކުރެއްވިއްޔާ ކޮޅަށް ޖަހައިދެއްވާނެކަމަށެވެ.
"އަލުން ސީދާ ފްލައިޓުތައް އަޅުގަނޑުމެންގެ ޓޫރިޒަމްގެ މައި ޑެސްޓިނޭޝަން ތަކަށް އަދި އިތުރު ޑެސްޓިނޭޝަންތަަށްވސް ހުޅުވިގެންދާގޮތަށް، ވައިޑް ބޮޑީޑް އެއާ ކްރާފްޓްތައް އަލުން ގެނެސް އަދި ނެރޯ ބޮޑީޑް އެއާ ކްރާފްތައް އަލުން ގެނެސް އިރާދުކުރެއްވިއްޔާމުން އަޅުގަނޑުމެންގެ ޤައުމީ އެއާލައިނަކީ ދިވެހިން ފަޚުރުވެރިވާފަދަ އެއާލައިނަކަށް އަނެއްކާވެސް ހަދައިދޭނަން" މުއިއްޒު ވިދާޅުވިއެވެ.
އޭރުން ޓޫރިޒަމް އިންޑަސްޓްރީ އަނެއްކާވެސް ކުރިއަށް ގެންދިޔުމަށް ބޮޑެތި ކުރިއެރުންތައް ހާޞިލްވެގެންދާނެކަމަށާއި އައިލެންޑް އޭވިއޭޝަނަށްވެސް ބަދަލުތަކެއް ގެންނަވާނެކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.
"އައިލެންޑް އޭވިއޭޝާންުގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު މިކުރިމަތިވެފައިވާ ކަންކަމަށް ބަލާއިރު މިސްމެނޭޖްމަންޓު، ތަފާތުކުރުން މިކަންކަން މިއޮތީ. އެހެންވީމަ މިކަންކަން ނިމުމަކަށް ގެނެސް އިންޓަނޭޝަނަލް މިންގަނޑު ތަކާއި އެއްގޮތަށް އެ ކުންފުނީގެ އޮނިގަނޑާއި މުސާރައާއި އިނާޔާތްތައް މިކަންކަން ބައްޓަންކޮށްދީ އިންސާފު ޤާއިމުކޮށްދޭނަން. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަކީ މިދެންނެވި ކަންތައްތައް ބަލަހައްޓަދޭ އިންޓަނޭޝަނަލީ އެކަން އޮންނަ އުސޫލުން ހިންގާ ތަނަކަށް ހަދައިދޭނަން" މުއިއްޒު ވިދާޅުވިއެވެ.
ހަމައެއާއެކު އެ ކަންކަމަކީ ޓޫރިޒަމް ދާއިރާގެ މަސައްކަތްކުރާ ބޭފުޅުން ވަރަށް ކަންބޮޑުވެގެން އެމަނިކުފާނުގެ ކައިރީގައި ދެންނެވި ވާހަކަތަކެއް ކަމަށާއި މުއިއްޒު ދެކެވަޑައިގަންނަވާ ގޮތެއް ވިދާޅުވެދެއްވުމަށް އެ މުވައްޒަފުން އެދިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރިއަށް ގެންދާނީ ހަމައާއި އިންސާފުން. އަދުލުވެރިކަމާއި އިންސާފުވެރިކަމާއި އެކީގައި ކޮންމެ ކަމެއްވެސް" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހިރަ ކުންފުނިތަކަކީ ކުންފުނިތަކުގެ ގޮތުގައި ހިންގާ ތަންތަނެއް ނޫން ކަމަށާއި، އެގޮތުން ފިނޭންސް މިނިސްޓްރީ ޖެހެނީ ކެޕިޓަލް އިންޖެކްޝަން ދޭންކަމަށާއި ކޮންމެ ހަފްތާއަކު ފައިސާ ދޭންޖެހޭއިރު އެދޭ ފައިސާ އަކީ ލޯނަށް ނުވާއިރު އަނބުރާ އެ ފައިސާ ލިބެންވެސް ނޯންނަކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
"ކޮންމެ ކުންފުންޏަކީ އެ ކުންފުނީގެ ގޮތުގައި ހިންގާތަނަކަށް ހަދައިދޭނަން. މިހާރު އެ ކުންފުނިތައް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދަރާފައިވާ ދެރުން ނިމުމަކަށް ގެނެސް މި އިޤްތިޞާދު ނަގައި ކޮޅަށްޖެހުމުގައި އެންމެ މުހިންމު އެއް މަސައްކަތް ގޮތުގައި ސަރުކާރުގައި މިހުރި ކުންފުނި އަލުން ރަނގަޅު ފެންވަރަކަށް ބަދަލުކޮށްދީ އެކުންފުނިތައް ރަނގަޅުތަނަކަށް ހަދާނަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުންފުނިތައް ހަމަޔަކަށް އެޅުވުމުގެ ވާހަކައެއް އެމަނިކުފާނު ދައްކަވައިފިނަމަ، ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަކި ކުރާނެކަމަށް އިދިކޮޅުން ވާހަކަފަތުރުން އެކަށީގެންވާކަމަށެވެ.
"ދެން މިހެން އަޅުގަނޑު މިވާހަކަ ދެއްކީމާ އަނެއްކާ ވާހަކަ ފަތުރަފާނެ، މިއުޅެނީ ކުންފުނިތަކުގައި ތިބި މުވައްޒަފުން ވަކި ކުރާށޭ. މިހާރު މިއޮންނަ އުޞޫލަކީ ދޮގެއް އެތައް ފަހަރަކު ހެދީމާ ބައެއް މީހުންނަށް ދެތެއް ގޮތުގައި ޤަބޫލުކުރެވޭތީވެ އެގޮތަށް އެކަން ކުރުން" މުއިއްޒު ވިދާޅުވިއެވެ.