ގދ. ތިނަދޫ އަށް ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރަން ނިންމައިފި އެވެ.
ތިނަދޫ ޑިމޮކްރެޓްސްގެ މެންބަރުން ރައީސް ޞާލިހަށް ތާއީދުކޮށް އެ މަނިކުފާނު މިރޭ ތިނަދޫއަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ރައީސް ތިނަދޫ އަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް އެމްޑީޕީ މެންބަރުންނާއި ޑިމޮކްރެޓްސް މެންބަރުން ވަނީ ޕާޓީ ކުލައިގެ ޓީޝާޓުގައި ނިކުމެ މަރުހަބާ ކިޔާފައެވެ.
މީގެ އިތުރުން ތިނަދޫ އަށް ނިސްބަތްވާ ޑިމޮކްރެޓްސްގެ ބައެއް މެންބަރުން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިހަށް ތާއީދުކުރަން ނިންމީ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާ އެންމެ ކައިރި ކުރާ ސިޔާސަތުތަކެއް ގެންގުޅުއްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޞާލިހް ކަމަށް ވާތީއެވެ.
ޑިމޮކްރެޓްސް އަށް ނިސްބަތްވާ ބައެއް މެންބަރުން އެމްޑީޕީ އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް މި ފަހުން ތާއީދު ކުރާކަން ހާމަކުރަމުން އަންނައިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ.