ޚަބަރު ޝަރުޢީ ދާއިރާ

މެޖިސްޓްރޭޓް އަލީ އާދަމް މަޤާމުން ވަކިކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މައްޗަށް ސާބިތުވި މައްސަލައިގައި، ފަނޑިޔާރުކަމުގެ މަޤާމުން އެބޭފުޅާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

Ads by STELCO

މެޖިސްޓްރޭޓުގެ މަޤާމުން އަލީ އާދަމް މަގާމުން ވަކިކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ މެސެޖުތަކެއް ކޮށްފައިވާ ކަމަށް މެޖިސްޓްރޭޓް އަމިއްލައަށް އިއުތުރާފުވެފައިވާތީއެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ޢަލީ އާދަމް މިއަހަރު މޭ މަހުގައި މަޤާމުން ސަސްޕެންޑުކޮށްފައިވާއިރު، ހަމަ އެފަދަ އެހެން މައްސަލައެއް އޭގެ ފަހުންވެސް ޖޭއެސްސީގެ ސަމާލުކަމަށް އައިސްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަލީ އާދަމްއާއި ގުޅޭ ސުލޫކީ އެކި އެކި މައްސަލަ ޖޭއެސްސީން މީގެ ކުރިންވެސް ބަލާފައިވާއިރު، ޖޭއެސްސީގެ ތަހުގީގުން ނިންމާފައިވަނީ ޢަލީ އާދަމް ނުރަނގަޅު ނިޔަތެއް އޮވެގެން އެ އަންހެން މީހާ ހުރި ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކޮށްފައިވާކަމަށެވެ.

އެހެންކަމުން ޢަލީ އާދަމްގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ މާއްދާތަކާ ޚިލލާފު އަމަލުތަކެއްކަން ސާބިތުވާތީ އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމައި އެ މައްސަލަ މަޖިލީހަށް ވަނީ ފޮނުވާފައެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ވަނީ ފޮނުވާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!