ހަތްސަތޭކަ ބިލިއަން ރުޕީސްއަށްވުރެ ބޮޑު ގެއްލުމުގައި އޮތް ޕީއައިއޭގެ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފި
މަހަކު 12 ބިލިއަން ރުޕީސްގެ ގެއްލުމަކާއެކު ޖުމްލަ 740 ބިލިއަން ރުޕީސްއަށްވުރެ ބޮޑު ގެއްލުމެއްގައި ވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިން (ޕީއައިއޭ)ގެ މުވައްޒަފުން ރަނގަޅު ޕާފޯމަންސް ދައްކާތީ، އެ އެއާލައިނުގެ ހުރިހާ މުވައްޒަފުންނަށް ބޯނަސް އިތުރުކުރަން އެ އެއާލައިނުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.
މި ބޯނަސް އިއުލާނުކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރަނގަޅު މާލީ ނަތީޖާއެއް ހޯދުމަށް މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އިންކްރީމަންޓް ބޯނަސް ލިބޭނީ 1 އޮކްޓޯބަރު 2023ން ފެށިގެންނެވެ. އެ ފައިސާ ކަނޑައެޅީ 2022 ވަނަ އަހަރު ދިން ބޯނަސްގެ މައްޗަށް ބިނާކޮށް ކަމަށް، އެ އެއާލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
ޕީއައިއޭގެ ބަޔާނުގައި ވާގޮތުން 31 މާޗް 2023ގައި ލިބޭ މުސާރައިގެ ފަސް ޕަސެންޓާއި، 10 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިންކްރީމެންޓް ލިބޭނެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރިން ކުންފުނިން ވަކިވުމަށް ނޯޓިސް ދީފައިވާ މުވައްޒަފުންނަށް ބޯނަހެއް ނުލިބޭނެއެވެ.
އެބަޔާނުގައި ބުނެފައިވަނީ، 1 އޭޕްރީލް 2022ން 30 ސެޕްޓެމްބަރު 2023ގެ ނިޔަލަށް، ޕްރޮމޯޝަން ނުވަތަ މުސާރަ ބޮޑުކޮށްފައިވާ މުވައްޒަފުންވެސް އިންކްރީމެންޓަށް ޝަރުތު ހަމަނުވާ ކަމަށެވެ. އަދި ސުލޫކީ މައްސަލަތައް ދިމާވާ މުވައްޒަފުންނަށް ވެސް ބޯނަސް ނުލިބޭނެކަމަށް ބުނެފައިވެއެއެވެ.
އެ އެއާލައިނަށް މަހަކު ލިބޭ އާމްދަނީއަކީ 22 ބިލިއަން ރުޕީސް ކަމަށްވާއިރު، އެ އެއާލައިންގެ ޚަރަދުތައް 34 ބިލިއަން ރުޕީސްއަށް އަރައެވެ. ބަނގުރޫޓްވުމުގެ މަގުމަތީގައި އޮތް ޕީއައިއޭގެ ޖުމްލަ ގެއްލުން މިހާރުވަނީ 740 ބިލިއަން ރުޕީސްއަށް އަރާފައެވެ.
ސަރުކާރުގެ ގެރެންޓީގެ ދަށުން ކޮމާޝަލް ބޭންކުތަކުން ޕީއައިއޭއިން ވަނީ 260 ބިލިއަން ރުޕީސްގެ ލޯނެއްވެސް ނަގާފައެވެ. އަދި އެފްބީއާރަށް 1.25 ބިލިއަން ރުޕީސްގެ ޓެކްސް ނުދައްކައި އޮތްއިރު، ސިވިލް އޭވިއޭޝަނަށް ދައްކަންޖެހޭ މަހަކު އެއް ބިލިއަނަށްވުރެ ގިނަ ރުޕީސް ވެސް އޮތީ ނުދައްކައެވެ.
ކެއާޓޭކަރ ފެޑެރަލް މިނިސްޓަރ ފޮރ ޕްރައިވެޓައިޒޭޝަން ފަވާދު ހަސަން ފަވާދު ވިދާޅުވީ، 34 މަތިންދާބޯޓުގެ ތެރެއިން ޕީއައިއޭ 15 މަތިންދާބޯޓު ގްރައުންޑްކޮށްފައި ވާކަމަށާއި، އެއާލައިން އޮޕަރޭޓްކުރަނީ އެންމެ 19 މަތިންދާބޯޓާއެކު ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މަތިންދާބޯޓުތައް ވެސް ރަނގަޅަށް އޮޕަރޭޓް ނުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުންނަށް ބޯނަސް ދޭން އިއުލާނު ކުރުމަކީ މުޅި ގައުމުގައިވެސް އެކަމާމެދު ސުވާލު އުފައްދަމުން އަންނަ ކަމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.