ޚަބަރު

މަޖިލިސް އިންތިޚާބު ބޭއްވޭނީ މާޗު ނުވަތަ އޭޕްރީލް މަހުގައި: އީސީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާޗުމަހުގެ ފަހުކޮޅުގައި ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިއަދު ވިދާޅުވީ އިންތިޚާބު ބޭއްވޭނެ ކަމަށް ލަފާކުރެވެނީ މާޗުމަހުގެ ފަހުކޮޅުގައި ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅުގައި ކަމަށެވެ.

އަދި އަންނަ މަހު ވަކި ތާރީޚެއް ކޮމިޝަނުން އިއުލާނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބު ދިމާވާނީ ރޯދަމަހުގެ ދުވަހަކާއެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާޗު 10 ނުވަތަ 11 އެވެ.

މި ހިނގާ ދައުރުގައި މަޖިލީހުގައި 87 މެންބަރުން ތިއްބަވައެވެ. ނަމަވެސް އަލަށް އިތުރުކުރި 6 ދާއިރާއާއެކު 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާނެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު މެއިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ގާނޫނުގައިވާ ގޮތުން އޭޕްރީލް 28 ގެ ކުރިން މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!