ޕަރްނީތީ ރާއްޖޭގައި، އައީ ހަނީމޫނަކަށް ނޫން

ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.
ޕަރިނީތީ ރާއްޖެ އައިސްފައި މިވަނީ ކައިވެނިކުރިތާ މާ ގިނަ ދުވަހެއް ނުވަނީސްއެވެ. އެހެންކަމުން ގިނަ ބަޔަކު ހީކުރީ އޭނާ ރާއްޖެއައީ ފިރިމީހާ ރާގަވް ޗައްޑާއާއެކު ހަނީމޫނަށް ކަމަށެވެ.
ނަމަވެސް ޕަރިނީތީ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެއައިސް އުޅެނީ ހަނީމޫނަށް ނޫންކަމަށާއި މިއީ "ގާލްސް ޓްރިޕް" އެއް ކަމަށެވެ.
ރާއްޖޭގެ އަގުބޮޑު ރިސޯޓެއްކަމަށްވާ ވޮލްޓޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައި ޕަރްނީތީ ޗުއްޓީ ހޭދަކުރަމުންދާއިރު، އޭނާއާއެކު މި ދަތުރުގައި ބައިވެރިވަނީ ކޮން ބަޔަކުކަމެއް އެނގިފައިނުވެއެވެ. ނަމަވެސް އެމީހުންގެ ތެރޭގައި އޭނާގެ ފަހަރިއެއް ހުރިކަން އެނގިފައިވެއެވެ.