ކަރާޗީ ބަނދަރުގައި ޕާކިސްތާނުން އަފްޣާނިސްތާނުގެ 8،700 މުދާ ކޮންޓެއިނަރު ހުއްޓުވައިފި

ޕާކިސްތާނުން މުދާ ބަދަލު ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ވިޔަފާރިވެރިންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާއިރު، ކަރާޗީ ބަނދަރުގައި ވިޔަފާރީގެ މުދާ އުފުލާ ގާތްގަނޑަކަށް 8،700 ކޮންޓެއިނަރު ހުއްޓިފައިވާ ކަމަށް ޚާމާ ޕްރެސް އިން ބުނެފި އެވެ.
މި ވިޔަފާރިވެރިން ބުނާ ގޮތުގައި ޕާކިސްތާނުން ކޮންމެ ކޮންޓެއިނަރަކަށް 200 ޑޮލަރުން ޖޫރިމަނާ ކުރާއިރު އޭގެ ސަބަބުން އެ ފަރާތްތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.
"ކޮންޓެއިނަރުތަކަށް ހުއްދަ ނުދީފިނަމަ އަޅުގަނޑުމެންނަށް އިތުރު ގޮތެއް ނޯންނާނެ. އަޅުގަނޑުމެން އދ އަށް ނުވަތަ ޔޫރަޕިއަން ޔޫނިއަންއަށް ގޮސް މައްސަލަ ހައްލުކުރަން،" ޗައިނާގައި ހުންނަ އަފްޣާން މާޗަންޓްސް ޔޫނިއަންގެ ވެރިޔާ ޚާން އާގާ ގުލްޒާދު ވިދާޅުވި އެވެ.
އަފްޣާނިސްތާނުގެ ވިޔަފާރިވެރިން ވެސް ވަނީ ތާލިބާނުންގެ ސަރުކާރަށް ޑިޕްލޮމެޓިކް ގޮތެއްގައި އެ މައްސަލަ ހައްލު ކުރުމަށް ގޮވާލައިފަ އެވެ.
"އަފްޣާނިސްތާނުގެ މިހާރުގެ ސަރުކާރުގެ ކިބައިން އިހުލާސްތެރިކަމާ އެކު އެދެނީ ޑިޕްލޮމެޓިކް އަދި އަންޑަސްޓޭންޑިން ވަސީލަތްތައް މެދުވެރިކޮށް މައްސަލަ ހައްލުކޮށްދެއްވުމަށެވެ. [އެކަން ނުވެއްޖެނަމަ] މިއީ އަފްޣާނިސްތާނުގެ ގައުމީ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ލިބޭ ވަރަށް އިގްތިސާދީ ހީނަރުކަމެއް،" ޗައިނާގައި ހުންނަ އަފްޣާން މާޗަންޓްސް ޔޫނިއަންގެ މެމްބަރު ޒަބީހުالله ވިދާޅުވި އެވެ.