ޚަބަރު

މަޖިލީހުގެ ރެކްރިއޭޝަން ކްލަބް (ޕެމާ)ގެ ޢުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޙަސަން ޒިޔާއު

ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް ކަމުގައިވާ ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކްލަބު (ޕެމާ) އިން އެ އިދާރާގެ މުވައްޒަފުންނަށް ދޭން ވަޢުދުވި ޢުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

Ads by Sosun Fihaara

ޕެމާގެ ނައިބު ރައީސް އަދި މަޖިލީހުގެ ކޮމިއުނިކޭޝާން ޑިރެކްޓަރު ޙަސަން ޒިޔާޢު ވިދާޅުވީ އެ ކްލަބުގެ މަސައްކަތްތައް ފެށިގެން އައި 2006 ވަނަ އަހަރުގައި ކަމަށާއި އެ ކްލަބުގައި ހިމެނެނީ މަޖިލީހުގެ މެންބަރުންނާއި އަދި އެ އިދާރާގެ މުވައްޒަފުންކަމަށެވެ.

އެގޮތުން މަޖިލީހުގެ މެންބަރުންނާއި އިދާރާ މުވައްޒަފުން ހިމެނޭ ޕެމާ ކްލަބު 2018 ވަނަ އަހަރު ރަސްމީކޮށް ރަޖިސްޓްރީކޮށް ހިންގާ ކޮމިޓީގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުން މަސައްކަތްކުރައްވަން ފެށްޓެވިކަމަށް ޒިޔާޤު ވިދާޅުވިއެވެ.

ކްލަބުގެ މެންބަރުންގެ މެދުގައި ގުރުއަތުލުމެއް ނަގައި މިފަދަ ކަމެއް ކޮށްފައިވަނީ އެ ކުލަބުގެ މިދިޔަ 15 އަހަރުގެ ތާރީހުގައި ވެސް އަލަށްކަމަށާއި ޕެމާގެ މެންބަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ބޭފުޅަކަސް ޢުމްރާ ދަތުރެއް ދެއްވުމަކީ 2023 ވަނަ އަހަރަށް އިންތިޚާބު ކުރެވުނު ހިންގާ ކޮމިޓީގެ ރައީސް އަދި ނައިބު ރައީސްގެ ވަޢުދެއްކަމަށްވެސް ޒިޔާޢު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޢުމްރާ ދަތުރު ދެއްވީ މުވައްޒަފުންގެ ތެރެއިން މީގެ ކުރިން ޢުމްރާއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ މެދުގައިކަމަށާއި ނަސީބުވެރިއަކަށް ގުރުއަތުން ހޮވުނީ، މަޖިލިސް އިދާރާގެ މެއިންޓެނެސް ސެކްޝަންގައި މަސައްކަތް ކުރާ މުހައްމަދު ނައީމްކަމަށް ޒިޔާޢު މަޢުލޫމާތުދެއްވިއެވެ.

"މިއީ ޕެމާގެ ތާރީހްގައި ވެސް މެންބަރުންނަށް އަމާޒުކޮށް މިގޮތަށް އުމްރާ ދަތުރެއް ދިން ފުރަތަމަ ފަހަރު. މިއީ އަޅުގަނޑުމެން ޕެމާގެ އިންތިހާބުގައި ވީ ވައުދެއް. ވައުދު ފުއްދޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް، އަޅުގަނޑުމެންގެ އުއްމީދަކީ މިފަދަ އިތުރު ފުރުސަތުތައް ޕެމާގެ މެންބަރުންނަށް ހޯދައިދިނުން" ޒިޔާޢު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!