ކޭޕާކް މަންޑޭގެ މައްސަލައިގައި ޕީޖީއަށް ފޮނުވަން ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން

ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭޕާކް ރެސިޑެންސް ޢިމާރާތް ކުރަމުންގެންދާ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫޙް (މަންޑޭ) އަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މަންޑޭ އަށް ދައުވާ ކޮށްދިނުމަށް ޕީޖީ އަށް ފޮނުވަން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް މި ޚަބަރާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ކޭޕާކް މަޝްރޫޢުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.
ހަންބޯ ކުންފުނިން ތުހުމަތު ކުރާ ގޮތުގައި މަންޑޭ ވަނީ ކޭޕާކް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި މަންޑޭގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އެ މައްސަލައިގެ ތަހުޤީޤުގައި މިހާރު ކުރިއަށް ގެންދަނީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުޙަލާއެވެ.