ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމަށް ޝަހީދު

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ޝަހީދު ހަމަޖެއްސުމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް މަރްޔަމް ވަޙީދު ހަމަޖެއްސުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ މި މަހުގެ 25 ގައެވެ.
ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓަރސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ބެޗެލަރސް ޑިގްރީ އިން ޝަރިޢާ އެންޑް ލޯ ހައްދަވާފައިވާ ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2014 ނޮވެމްބަރު 26 ވަނަ ދުވަހުއެވެ. ޝަހީދު ވަނީ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.
އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.
2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރެއްވި މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓަރސް އޮފް ޝަރީޢާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗެލަރސް އޮފް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.