ޚަބަރު

ކެމްޕެއިން ކުރުމަށް ވަގުތު ދިނުމަށް މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސްކުރަން ޖެހޭ: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސް ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި ކެމްޕެއިން ކުރުމަށްވެސް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުުން މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސް ކުރަން ޖެހޭ ކަަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެއަށް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ ސަރުކާރުން މިއަދު ވަނީ މުޅި ރާއްޖެއަށް 30 ދުވަހަށް ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. މިއާއެކު މިއަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި އޮތް ކައުންސިލް އިންތިހާބު ވަނީ އަންނަ މަހު 18 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރުމުން އެ މުއްދަތު ހަމަވަނީ 10 ވަނަ ދުވަހަށް ކަމަށާއި ބާކީ ކެމްޕެއިން ކުރުމަށް ލިބެނީ އަށް ދުވަސް ކަމަށެވެ. އެހެންކަމުން އިންތިހާބު 18 ވަނަ ދުވަހު ބޭއްވުމަކީ ގާނޫނު އަސާސީގައި ބުނާ ގޮތުން އެންމެ ރަނގަޅަށް ކުރެވޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ގާނޫނު އަސާސީގެ 170ވަނަ މާއްދާގެ (ހ) ބުނާ ގޮތުން އިންތިހާބު ބޭއްވުމުގެ ކުރިން ފުރިހަމަ ކުރަން ކަންކަން ހިމަނާފައި އެބަހުރި. ނަމަވެސް އެކަންކަން އަށް ދުވަހުގެ މުއްދަތެއްގައި ފުރިހަމައެއް ނުވާނެ. އެހެން ވީމަ މިއީ އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އިންތިހާބު ފަސް ކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވި ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ އަންނަ މަހު 18 ވަނަ ދުވަހަކީ ގާނޫނުގައި ބުނާގޮތުން އިންތިހާބު ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީހު ކަމަށެވެ. އަދި މި ތާރީހު ދެން އިތުރަށް ފަސްކުރެވޭނީ ކޯޓު އަމުރަކުން ނުވަތަ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!