ދުނިޔެ

"ކޮންމެ މިނެޓަކީ، އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާ މިނެޓެއް" 

ރައުފާ ރަޝީދު ، ދެން އޮންލައިން

ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގައި ކޮންމެ މިނެޓަކީ، އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާ މިނެޓެއް ކަމަށް އ. ދއަށް ފަލަސްޠީނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޟު މަންޞޫރު ވިދާޅުވެއްޖެއެވެ.

Ads by WAMCO

އ.ދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރިޔާޟު ވިދާޅުވީ ޔަހޫދީ ފައުޖުތަކުގެ ލާއިންސާނީ ހަމަލާތަކުގައި ކޮންމެ ފަސް މިނެޓަކުން ޣައްޒާގެ ކުށެއް ނެތް ކުޑަކުއްޖެއް ޝަހީދު ކޮށްލަމުންދާ ކަމަށެވެ.

އިޒްރޭލުން ތިން ހަފުތާގެ ތެރޭގައި ފަލަސްތީނުގެ 3،500 ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، މިއީ 2019 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ހަނގުރާމަވެރި ސަރަހައްދުތަކުގައި އަހަރަކު މަރުވާ ކުޑަކުދިންގެ އަދަދަށް ވުރެ ގިނަ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޟު ވިދާޅުވީ ޣައްޒާ އަކީ މިހާރު ދުނިޔޭގައި އޮތް "ނަރަކަ" ކަމަށެވެ. އަދި ކޮންމެ މިނެޓަކީ، އެތަކެއް ބައެއްގެ ފުރާނަ ގެއްލިގެންދާ މިނެޓެއް ކަމަށްވެސް އޭނާ  ވިދާޅެވިއެވެ.

އިޒްރޭލުން ވަނީ ރެއާއި ދުވާލު އެ ސަރަހައްދަށް ބޮން އަޅައި އެތައް ހާސް ބަޔަކު މަރާލައިފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ހަމަލާތަކުގައި  8،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށެވެ.

އިޒްރޭލުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހަމަނުޖެހުން އުފެދުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއެއްގައި 1،400 މީހުން މަރުވުމާ ގުޅިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!