ޚަބަރު

"ޣައްޒާ އެދި ގޮވަނީ" މި ނަމުގައި މިރޭ ޚާއްޞަ ހަރަކާތެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިޒްރޭލުގެ ޔަހޫދީންގެ އުދުވާނީ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނާ އެކީ ދިވެހީން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން "ޣައްޒާ އެދި ގޮވަނީ" ގެ ނަމުގައި މިރޭ މާލޭގައި ވަރަށް ޚާއްޞަ ހަރަކާތެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by MWSC

ރައިޓް މޫވްމަންޓުން އިންތިޒާމުކުރާ މި ހަރަކާތް ފަށާނީ، މިރޭ 8:00 ގައި ރަސްފަންނު ސަރަހައްދުން ފަށާ ސައިކަލު ބުރަކުންނެވެ. އޭގެ ފަހުން 9:00 ގައި އާޓިފިޝަލް ބީޗްގައި އެއްވުމެއް އޮންނާނެއެވެ.

މި ހަރަކާތުގައި ޣައްޒާގެ ހާލަތު ބަލާލައި އަޑު އަހައިލުން އޮންނާނެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތަށް ހަމަލާ ދިނުމަށް ކަމަށް ބުނެ، އިޒްރޭލުގެ ޔަހޫދީން މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފެށި ޤަތުލުއާއްމުގައި، މިހައިތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 10،000އާއި ގާތް ކުރާއިރު، އޭގެތެރެއިން 3،000އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުން ބުނީ ހަމަލާ ދިނުން ހުއްޓައިލާނީ ހަމާސްގެ ބެލުމުގެ ދަށުގައިވާ އަސީރުން ދޫކޮށްލުމުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!