ޚަބަރު

ކޮވިޑް-19: ކުޅުދުއްފުށީގައި އެކަހެރި ކުރާ މަރުކަޒެއް، ބަލިމީހުންނަށް ޒިޔާރަތް ކުރުން މަނާ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އަދި ދިވެހި ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ކުޅުދުއްފުށިން ވެސް ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިއްޔެ ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މަނާކޮށްފައެވެ.އެ ހޮސްޕިޓަލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޑްމިޓްކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައި ވާކަމަށާއި ކޮންމެހެން ކުރަންޖެހޭ ޒިޔާރާތެއް މެނުވީ ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގެ ފަރާތްތަކުން ދެމުން ގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާ ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށްވެސް މި އިއުލާނުގައި ގޮވާލާފައިވެއެވެ. ހަމައެހެންމެ ބައްޔާ ބެހޭ ދޮގު މައުލޫމާތު ނުފެތުރުމަށް ވެސް އެ ހޮސްޕިޓަލުން ނަސޭހަތްތެރިވެފައި ވެއެވެ.

ކުޅުދުއްފުށި ސިޓީން ވަނީ ކޮރޯނާ ވައިރަހުގެ އަލާމާތެއް ފެނިއްޖެ ނަމަ އެކަހެރި ކުރާ މަރުކަޒެއްގެ ގޮތުގައި އެސިޓީގެ ސަރަހައްދީ ބަނދަރުގައި ހުންނަ ގެސްޓް ހައުސް ވެސް ކަނޑައަޅާފައެވެ. 42 އެނދުގެ މި ގެސްޓް ހައުސްގެ އިތުރުން ރީޖަނަލް ހޮސްޕިޓަލްގެ ޕްރައިވެޓް ދެކޮޓަރި ވެސް އެކަހެރި ކުރުމަަށް ބޭނުން ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!