އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ރާއްޖޭގައި އެކްސިޑެންޓްތައް ގިނަވުން: ނައިބު ރައީސް

ރާއްޖޭގައި އެންމެ ކަންބޮޑުވާ އަދި އެންމެ ހިތްދަތިވާ އެއް މައްސަލަ އެކްސިޑެންޓްތައް ގިނަވުން ކަމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ވަކާލާތުކުރާ ޖީލެއް ބިނާކޮށް ޓްރެފިކް ގާނޫނާއި ގާނޫނަށް ދަރިވަރުން އަހުލުވެރިކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ 85 ވަނަ އަދި 86 ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
2014 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގައި މިހާތަނަށް 2735 ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ.
އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކަންބޮޑުވާ ވަރަށް އެއްގަމާއި ކަނޑުގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައި، އެތަކެއް އާއިލާތަކަށް ހިތްދަތިކަން ގެނުވާފައިވާ ކަމަށެވެ.
އަދި އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށާއި އެކްސިޑެންޓްތައް މަދުކުރަން ފުލުހުން ވެސް މަސައްކަތްކުރާ އިރު، ކޮންމެ މީހަކީ ވެސް ފަރުދީ ގޮތުން އެކަމަށް ރައްކާތެރިވެތިބޭ ބަޔަކަށް ވުމަށް ފައިސަލް ވަނީ އިލްތިމާސްކޮށްފައެވެ.