ސްޕެއިންގައި ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ 14 މީހަކު ހައްޔަރުކޮށްފި
ސްޕެއިންގެ ބައެއް ޕްރޮވިންސްތަކުން ޕާކިސްތާނުގެ ޖިހާދީންކަމަށް ޝައްކުކުރެވޭ 14 މީހަކު ސްޕެއިންގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ނޮވެމްބަރު މަހުގެ 07 ވަނަ ދުވަހު ސްޕެއިންގެ ސަލާމަތީ ބާރުތަކުން ވަނީ ސްޕެއިންގެ ބައެއް ޕްރޮވިންސްތަކުގައި ހިންގާ ޖިހާދީ ނެޓްވޯކެއް ގެއްލުވާލައި، މުޅި ގައުމުގެ ސީޓީ އޮޕަރޭޝަންތަކުގައި ޖުމްލަ 14 މީހަކު ހައްޔަރުކޮށްފަ އެވެ.
ހައްޔަރުކުރި އެންމެންނަކީ ވެސް ޕާކިސްތާނަށް ނިސްބަތްވާ މީހުންނެވެ. ސްޕެއިންގެ ބައެއް ސިޓީތަކުގައި މި އޮޕަރޭޝަން ހިންގާފައިވާއިރު، ބާސެލޯނާއިން ހަތް މީހަކު، ލެއިޑާއިން އެކަކު، މަލާގާއިން އެކަކު، ގިޕޫޒްކޯއާއިން ދެ މީހަކު، ވެލެންސިއާއިން ދެ މީހަކު އަދި ލޮގްރޯނޯއިން އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ސްޕެއިންގެ ޓެރަރިސްޓް އެލާޓް ލެވެލް މިހާރު ހުރީ ހަތަރު ގައި ކަމަށާއި، އެންމެ މަތީ ލެވެލް ފަސް އަށް ވުރެ އެއް ލެވެލް ދަށް ކަމަށެވެ.
މި މީހުން ހައްޔަރުކޮށްފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ގައުމީ ފުލުހުން ޓެރަރިޒަމާ ދެކޮޅަށް ހިންގި މިފަދަ އޮޕަރޭޝަނެއްގައި ޖިހާދީކަމަށް ޝައްކުކުރެވޭ ހަތަރު މީހަކު "އިސްލާމްދީނާއި ޖިހާދީ ރެކްރޫޓްކުރުމުގެ" ތުހުމަތުގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުން ބުދަ ދުވަހު (ރާއްޖެ ގަޑިން) ކޯޓަށް ހާޒިރު ކުރާނެ އެވެ.
ޔޫރޯ ވީކްލީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މީހުން އުފެއްދީ ޖިހާދީ މެސެޖުތަކާއި ހަރުކަށި ފިކުރުގެ ގިނަ އަދަދެއްގެ ބަޔަކު އޮންލައިންކޮށް ފެތުރޭ ނެޓްވޯކެއް ކަމަށް ބެލެވެ އެވެ.
ޔޫރަޕިއަން ކޮންޒަވޭޓިވްގެ ނޫސްވެރިއެއް ކަމަށްވާ ޑޭވިޑް އެތަރޓަން ސޯޝަލް މީޑިއާ އެޕް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޕާކިސްތާނުގެ މި 14 ޖިހާދީންނަކީ ތަހްރީކޭ ލަބްބައިކްއާ ގުޅުން ހުރި ބައެއް ކަމަށެވެ.
ޕާކިސްތާނުގައި އިސްލާމީ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕާކިސްތާން (ޓީއެލްޕީ). "ސްޕެއިންގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ 14 ޖިހާދީއަކު ވަނީ ހައްޔަރުކޮށްފައި. އެއީ ކެޓަލޯނިއާ، ވެލެންސިއާ، ގުއިޕުޒްކޯއާ، ވިޓޯރިއާ، ލޮގްރޯނޯ އަދި ލެއިޑާގަ އެވެ. އެއީ ޕާކިސްތާނުގެ އިސްލާމީ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ތަހްރީކޭ ލައްބައިކް ޕާކިސްތާނާ ގުޅިފައިވާ ބައެއް،" އޭނާ ވިދާޅުވި އެވެ.
ޔޫރޯ ވީކްލީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓެރަރިޒަމާ ދެކޮޅަށް ސްޕެއިންގެ ގައުމީ ފުލުހުން މިދިޔަ މަހު ހިންގި މިފަދަ އޮޕަރޭޝަނެއްގައި ޖިހާދީން ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.