މަސްތުގެ ހާލުގައި ހުރެ ނައިބު ރައީސްގެ ކާރު ކޮޅަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި
މަސްތުގެ ހާލުގައި ހުރެ ނައިބު ރައީސް ފައިސަލް ނަސީމްގެ ކާރު ކޮޅަށް ގެއްލުންދިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހިލާލީގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ވެހިކަލް ތަކަށް ގެއްލުން ދޭ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބިފައިވާކަމަށެވެ.
މި މައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު، ހިލާލީގެ ކައިރީގައި އޮތް ނައިބު ރައީސްގެ ކާރު ކޮޅުގެ ވައިޕަރ އާއި ނަންބޯޑް ބިންދާލައި ގެއްލުން ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އާއި ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
Ads by Allied Insurance