ދުނިޔެ

ސްކޫލަކަށް ހަމަލާދީ، 25 މީހުން ޝަހީދުކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަލަސްޠީނުގެ ޣައްޒާ ސިޓީގެ ސްކޫލަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާތަކެއްގައި 25 މީހުން ޝަހީދުކޮށްލައިފިއެވެ.

Ads by WAMCO

މިކަން ކަށަވަރު ކޮށްދިނީ، އެމީހުން ގެންދެވުނު އަލް-ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރެކެވެ. ޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލެވެ.

"މިއަދު ހެނދުނު އަލް-ބުރާޤް ސްކޫލަށް ދިން މިސައިލް ޙަމަލާތަކުގައި ޝަހީދުވި 25 މީހެއްގެ ހަށިގަނޑު އަހަރުމެންނަށް(ޝިފާ ހޮސްޕިޓަލް)އަށް ލިބިފައިވޭ." ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު، މުޙައްމަދު އަބޫ ސަލްމިއާ ވިދާޅުވިއެވެ.

ރޮއިޓަރސް އިން ބުނީ، ސްކޫލަށް އަމާޒުކޮށް ދިން ޙަމަލާގައި ޝަހީދު ވީ 20 މީހުން ކަމަށެވެ. ނަމަވެސް އޭއެފްޕީން ބުނީ، 50 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތް ނައްތާލުމުގެ ނަމުގައި، ޔަހޫދީން ދެމުން އަންނަ އުދުވާނީ ޙަމަލާތަކުގެ މައިގަނޑު އަމާޒަކީ ފަލަސްޠީނުގެ އެއްވެސް ކުށެއް ނެތް، މައުސޫމް ރައްޔިތުންނެވެ. މިގޮތުން، މިދިޔަ މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހައިތަނަށް، 10،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާއިރު، އޭގެތެރޭގައި އެންމެ ގިނައީ، މައުސޫމް ކުޑަކުދިންނާއި އަންހެން ކުދިންނެވެ.

ޔަހޫދީން އަނިޔާވެރިކަމާއިއެކު ޙަމަލާ ދެމުން އަންނާތީ، ޔޫއެން އިން ވަނީ، މި ދުނިޔެމަތީގައި ނަރަކައެއްވާނަމަ، އެތަނަކީ މިހާރު ޣައްޒާ ކަމަށް ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!