އާސެނަލްގެ ކޯޗް އާޓެޓާ އާއި ޗެލްސީގެ ހޮޑްސަން އޮޑޯއީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
އާސެނަލްގެ ކޯޗް މިކަލެ އާޓެޓާ އާއި ޗެލްސީގެ ވިންގާ ކެލަމް ހޮޑްސަން އޮޑޯއީ ކޮވިޑް-19 ޕޮޒިޓިވް ވެއްޖެ އެވެ.
އާޓެޓާއަށް ކޮވިޑް-19 ޖެހުމާ ގުޅިގެން ބްރައިޓޮން އާ ދެކޮޅަށް އާސެނަލް މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗު ވަނީ މިހާރު ފަސް ކޮށްފަ އެވެ. އަދި އާސެނަލްގެ މުޅި ޓީމު ކަރަންޓީންގައި ތިބެން ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ އަންގާފަ އެވެ.
މިއަދުގެ ހެނދުނު ޗެލްސީ ވެސް ވަނީ، އެ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ކަރަންޓީންގައި ތިބެން އަންގާފަ އެވެ. ޗެލްސީއިން ބުނީ ލީގުގައި އަންނަ އާދީއްތަ ދުވަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ފަސް ކުރުމާ ގުޅޭގޮތުން ލީގުގެ އޮފިޝަލުންނާ ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ.
ކޮވިޑް 19 ގެ ސަބަބުން އިޓާލިއަން ލީގް ވަނީ މިހަފުތާ ކުރީ ކޮޅު މެދުކަނޑާލާފަ އެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގެ މެޗުތައް ވެސް ވަނީ ދެ ހަފްތާއަށް މެދު ކަނޑާލާފައެވެ.
ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމުގެ ޓްރޭ ތޮމްކިންސް ވެސް ކޮވިޑް 19 އަށް ޕޮޒެޓިވް ވުމުން އެ ކުލަބުގެ ފުޓްބޯޅަ ޓީމުވެސް ވަނީ ކަރަންޓީން ކޮށްފަ އެވެ. ފުޓްބޯޅަ ޓީމު ކަރަންޓީން ކުރީ، ރެއާލްގެ ރަސްމީ ޓްރެއިނިން ސެންޓަރު ވެލްޑަބެބަސްގައި ތޮމްކިންސް ވެސް ހޭދަ ކޮށްފައި ވުމުންނެވެ. ވެލްޑަބެބަސް އަކީ ފުޓްބޯޅަ ސެކްޝަނާއި ބާސްކެޓްބޯޅަ ސެކްޝަންގެ ޓްރެއިންތައްވެސް ކުރިއަށް ގެންދާ ސެންޓަރެވެ.
ބުދަ ދުވަހުގެ ރޭ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއަލް ރުގާނީ ވެސް ޓެސްޓް ކުރުމުން އޭނާވެސް ޕޮޒިޓިވް ވެފައިވާކަން ވަނީ ހާމަކޮށްފަ އެވެ. އެ ޓީމުގެ ކުޅުންތެރިންވެސް ވަނީ ކަރަންޓީން ކޮށްފަ އެވެ. އަދި އޭގެ ފަހުން ފިއޮރެންޓީނާގެ ކުޅުންތެރިއެއް ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.