ޚަބަރު

ސްކޭމް ކޯލްތަކާގުޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް ނެރެފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ސްކޭމް ކޯލްތަކާގުޅޭ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ)ގެ އޮފީހުން މިއަދު ނެރެފިއެވެ.

Ads by STELCO

މިކަން ހާމަކޮށް ޕީޖީ އޮފީހުން ވިދާޅުވީ ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން، މަކަރާއި ޙީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖްތަމަޢުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން އެކަން ހިނގާ ގޮތް ބަލައި، އެކަމުގައި ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކުރިއިރު، އެކަމުގައި ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް އޮތުމުގެ މުހިންމުކަން އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެހެން ކަމުން ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް) ގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤްތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާ އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަޙްޤީޤު ކުރުމުގައާއި ދަޢުވާކުރުމުގައި އެއް ގޮތަކަށް ޢަމަލު ކުރުމަށް ބާރު އެޅުމަށާއި، އެފަދަ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުރިހަމަ ކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަ ކުރުމަށް މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ސްކޭމް ކޯލްތަކާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަޙްޤީޤު ކުރުމުގައާއި، ދަޢުވާ ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ އިރުޝާދެއް މިއަދު ނެެރެފައިވާ ކަމަށެވެ.

މިގޮތުން ހުރިހާ ތަޙްޤީޤީ އިދާރާތަކަށް މި އިރުޝާދު ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.

މި އިރުޝާދާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަޙްޤީޤުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިބާވަތުގެ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ތަޙްޤީޤީ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް މިހާރު ކުރަމުން  އަންނަ ކަމަށެވެ.

މީގެ އިތުރުން މޯބައިލް ފޯނުގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތަކާއި، އެނޫންވެސް މާލީ މުޢާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ލިބިގެން މެނުވީ، މި ބާވަތުގެ މައްސަލަތައް ކާމިޔާބު ކުރުން ވާނީ ދަތި ކަމަކަށް ކަން ޕީޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!