ދުނިޔެ

ނޭޕާލްގައި ޓިކްޓޮކް އެޕް ބޭން ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޕާލުން ބުނީ ޓިކްޓޮކް މަނާކުރާނެ ކަމަށާއި މަޝްހޫރު ވީޑިއޯ ޝެއާކުރާ އެޕްލިކޭޝަން "ނަހަމަ ގޮތުގައި ބޭނުންކުރުމުގެ" ސަބަބުން އިޖުތިމާއީ އެއްބައިވަންތަކަމާއި ހެޔޮއެދުމަށް ބުރޫ އަރާކަމަށާއި އެކަން ކޮންޓްރޯލް ކުރުމަށް ޑިމާންޑް ބޮޑުވަމުންދާ ކަމަށެވެ.

Ads by Sosun Fihaara

ނޭޕާލްގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރޭކާ ޝަރުމާ ވިދާޅުވީ ޓިކްޓޮކް މަނާކުރަން ނިންމީ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ކަމަށެވެ.

ޝަރުމާ ވިދާޅުވީ އެގޮތަށް ނިންމީ "އިޖުތިމާއީ އެއްބައިވަންތަކަމަށް ބުރޫ އަރާ، އާއިލީ އޮނިގަނޑާއި އިޖުތިމާއީ ގުޅުމަށް ބުރޫއަރާ ފަދަ ކޮންޓެންޓްތައް ހިއްސާ ކުރުމަށް ޓިކްޓޮކް އަބަދުވެސް ބޭނުންކުރާތީ" ކަމަށެވެ.

"ޓެކްނިކަލް ގޮތުން އެތަން ބަންދުކުރުމުގެ މަސައްކަތް އެކުވެރިން ދަނީ ކުރަމުން،" މަނާކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަނުކޮށް އެކަމަނާ ވިދާޅުވި އެވެ.

ޓިކްޓޮކް މިހާރުވެސް އެހެން ގައުމުތަކުން ވަނީ ބައިބައިކޮށް ނުވަތަ މުޅިން މަނާކޮށްފަ އެވެ.

ނޭޕާލްގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޓިކްޓޮކާ ގުޅުން ހުރި 1600 އަށް ވުރެ ގިނަ ސައިބާ ކްރައިމް މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ނޭޕާލް ޓެލެކޮމް އޮތޯރިޓީގެ ޗީފް ޕުރުޝޮތަމް ޚާނާލް ވިދާޅުވީ އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކަށް އެޕް ބަންދުކުރަން އަންގާފައިވާ ކަމަށެވެ. "ބައެއް މީހުން މިހާރު ވެސް ބަންދުކޮށްފައިވާއިރު އަނެއް ބަޔަކު މިއަދު [ހޯމަ ދުވަހު] އެކަން ކުރަމުން އެބަގެންދޭ،" ރޮއިޓާސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ޚާނާލް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!