ފައިސަލްގެ ވަދާޢީ މެސެޖުގައި އެދިވަޑައިގަތީ އައު ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމަ ކާމިޔާބީއަށް
މިއަދު ފެށިގެންދާ އައު ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމަ ކާމިޔާބީއާއި ކުރިއެރުން ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސްގެ ހައިސިއްޔަތުން ރައްޔިތުންނާއި އެންމެ ފަހު ފަހަރަށް ވާހަކަފުޅު ދައްކަވަމުން ފައިސަލް ވަނީ، އެ މަޤާމުގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެމަނިކުފާނަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި އެކުވެރިކަމަށް ވަރަށް އިޚްލާސްތެރިކަމާއެކު އެމަނިކުފާނަށް ޝުކުރުދަންނަވާފައެވެ.
އަދި ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމާއި ރަހްމަތްތެރިކަމަށްވެސް ޝުކުރުދަންނަވާފައިވެއެވެ.
"މި ވޭތުވެދިޔަ 2 އަހަރު ތެރޭގައި އަޅުގަނޑު މަސައްކަތްކޮށްފައިވާނީ އަޅުގަނޑު ކޮށްފައިވާ ހުވާގައި ސާބިތުވެހުރެ ދިވެހިރާއްޖެއަށް ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަތިކޮށްފައިވާ އެންމެހައި ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު އަދާކުރުމަށް. އަޅުގަނޑުގެ އަމާޒަކަށް ހެދީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ދަޢުލަތަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވެ އެއްވެސް ރައްޔިތަކު ތަފާތުނުކޮށް އިޚްލާސްތެރިކަމާއެކު ޚިދުމަތްދިނުމަށް" ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ފުރިހަމަ ނިންމުމާއެކު ދިވެހި ޤައުމު އަނެއްކާވެސް އަލިވިލިގެންމިދަނީ ރާއްޖޭގެ ދުސްތޫރީ ތާރީޚުން މުޅިން އައު ދައުރަކަށް ކަމަށާއި މިއަދު މިފެށޭ އައު ދައުރަކީ ދިވެހި އުންމަތަށް ހުރިހާ ގޮތަކުންވެސް ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނޭ ދައުރަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މިއަދު ޙަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފަށް އަދި އެބޭފުޅުންގެ ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމަ ކާމިޔާބާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ފައިސަލް ވިދާޅުވިއެވެ.