ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްކަމުން ރިޔާޒު ދުރުކޮށްފި
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު އެ މަގާމުން ދުރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ހުންނެވި ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުން އޭނާ ދުރުކޮށް އެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސާފައިވަނީ ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒެވެ.
އަދި އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވި ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ފަރީދު އިސްމާއީލްގެ ބަދަލުގައި ވަގުތީގޮތުން އެ މަގާމަށް ވަނީ ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އިސްމާއީލް ޝަމީމް ހަމަޖައްސާފައެވެ.
މި ސަރުކާރުން މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެއެވެ.
ފުލުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވުން ހަވާލުކޮށްފައިވާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އަލީ ރަޝީދު މި މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރަން ވަނީ ނިންމާފައެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، ހުސްވާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ވާނެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ގާނޫނުގައި ވާ ގޮތުން ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެކެވެ.