މަކަރާއި ހީލަތުން ފްލެޓް ކުއްޔަށްދޭ މީހެއްގެ މައްސަލަ ފުލުހުން ތަހުޤީގު ކުރަން ފަށައިފި

މަކަރާއި ހީލަތުން މީހުންނަށް ފްލެޓް ކުއްޔަށްދޭ މީހެއްގެ މައްސަލަ އާންމުންގެ ބަޔަކު ފުލުހަށް ހުށަހަޅައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން"ދެން އޮންލައިން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ މަކަރާއި ހީލަތުން ފްލެޓު ކުއްޔަށްދޭ ކަމަށް ބުނާ މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެހެން ކަމުން މި މައްސަލަ ތަހުޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
މި މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް މަޢުލޫމާތު ލިބިފައިވާ މި މައްސަލައިގައި ޝާމިލުވާ ފަރާތް ވަނީ ވިނަރެސް ފްލެޓެއް ވެރިފަރާތުގެ އަތުން އެތަން ކުއްޔަށް ނަގައިގެން އިތުރު ބަޔަކަށް ކުއްޔަށް ދީގެން އެޑްވާންސްގެ ލާރިއާއި ކުލީގެ ލާރި ހިމެނޭހެން ގާތްގަނޑަކަށް 40،000 ރުފިޔާ އަތުލާފައެވެ.
މީގެ އިތުރުން ވެރިފަރާތުން ބުނާ ގޮތުގައި އެގްރީމެންޓްގައި އޮންނަ ގޮތުން ކޮންމެ މަހެއްގެ ކުލި އެ މަހެއްގެ 10 ގެ ކުރިން ދައްކަން ޖެހޭގޮތަށް ޝަރުތު ކޮށްފައިވާއިރު ފޭކް ސްލިޕެއް ފޮނުވުމަށްފަހު ކުލި ދިން ކަމަށް އެ މީހާ ބުނި ނަމަވެސް ކުލި ނުލިބިގެން ދެ ފަހަރުވެސް ވެރި ފަރާތުން ކުލި ހޯދާފައި ވަނީ ފުލުހުންގެ ހާޒިރުގައެވެ.
ހަމަ އެހެންމެ އެ އެޕާޓްމަންޓް އެހެން ބަޔަކަށް ކުއްޔަށް ނުދެވޭނެ ކަމަށްވެސް އެގްރީމެންޓުގައި ޝަރުތު ކޮށްފައި ވާނެ ކަމަށްވެސް ވެރިފަރާތުން ބުނެފައި ވެއެވެ.