އަންނަ މަހު ސުޕްރީމް ކޯޓު ރިސެސްއަށް ދަނީ

އަންނަ މަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސް އަށް ދިއުމަށް އެ ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނީ ، މި މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، އަންނަ ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
އާންމުކޮށް ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގައި މަތީ މަރުހަލާ ކޯޓުތައް ރިސެސްއަށް ދެއެވެ. ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ކޯޓުގައި ހިންގާ ގިނަ ޝަރީޢަތްތައް ނުބޭއްވި ނަމަވެސް އަވަހަށް ނިންމަންޖެހޭ ޝަރީޢަތްތަކާއި އަމުރުތައް ނެރުމުގެ މަސައްކަތާއި ކޯޓުތަކުގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދެއެވެ.
ކޮންމެ އަހަރަކުވެސް ކޯޓުތަކުން ރިސެސްގެ ގޮތުގައި 30 ދުވަހުގެ މުއްދަތު ލިބޭއިރު، އަހަރަކު ދެފަހަރު ކޯޓުތަކުން ރިސެސްއަށްދެއެވެ.