އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ އެއް މިލިއަން ރެފިއުޖީން ފޮނުވާލެވޭނެ
ޕާކިސްތާނުގެ މީޑިއާތަކުން ބުނި ގޮތުގައި އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހިޖުރަކުރާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިން ރާވާފައިވާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. ޕާކިސްތާނުގެ އިންތިގާލީ ސަރުކާރުގެ ވިސްނުން ހުރީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގާތްގަނޑަކަށް އެއް މިލިއަން އަފްޣާނިސްތާނު ހިޖުރަވެރިން އަނބުރާ ގައުމަށް ފޮނުވާލުމަށެވެ.
ބަލޫޗިސްތާން ޕްރޮވިންސްގެ އިންފޮމޭޝަން މިނިސްޓަރު ޖަން އަޗަކްޒާއީއާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާ އެއް ކަމަށްވާ ޖިއޯ ނިއުސް އިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ދެވަނަ މަރުހަލާ ފަށާފައިވާ ކަމަށާއި، މި މަސައްކަތް އެއްވެސް ފަހަތަށް ނުޖެހި ކުރިއަށް ދާނެ ކަމަށެވެ.
ހިޖުރަކުރާ މީހުން ޑީޕޯޓްކުރުމުގެ ދެވަނަ މަރުހަލާއަށް ވަދެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް މި މަރުހަލާއާ ބެހޭ ތަފްސީލެއް އެ މީޑިއާއިން ދީފައެއް ނުވެ އެވެ.
މީގެ އިތުރުން ދެ މަސް ދުވަހުގެ ތެރޭގައި އަދި މައިގަނޑު ގޮތެއްގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުން އަފްޣާނިސްތާނުގެ ގާތްގަނޑަކަށް ހަތަރު ލައްކަ އެއްހާ ހިޖުރަވެރިން ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން 90 އިންސައްތަ ހިޖުރަވެރިންނަށް ޓޯރްޚާމް ބޯޑަރު ކްރޮސިންގައި ހިޔާވަހިކަން ނެތް ކަމަށް ރިލީފް އެޖެންސީތަކުން ބުނެއެވެ.
އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 4 މިލިއަން ހިޖުރަވެރިންނާއި ރެފިއުޖީން ޕާކިސްތާނުގައި ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 1.7 މިލިއަން މީހުންނަކީ ޕާކިސްތާނުގައި ގާނޫނީ ގޮތުން ދިރިއުޅުމަށް ބޭނުންވާ ލިޔެކިޔުންތައް ނެތް މީހުންނެވެ. ޕާކިސްތާނުގެ ފުލުހުން ކަރާޗީން ހިޖުރަކުރާ މީހުން ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަށާފައިވާއިރު، އޭގެ ފަހުން މިހާތަނަށް 370،000 އަފްޣާނިސްތާނު ހިޖުރަވެރިން ވަނީ ބޭރުކޮށްފައެވެ.
ތާލިބާނުންގެ ބާރުގެ ދަށުގައި އޮތް އަފްޣާނިސްތާނުގެ ހާލަތު އޮތް ކަމުގެ ބިރަށް އަފްޣާނިސްތާނުގެ ގިނަ ބަޔަކު ޕާކިސްތާނުގައި ފޮރުވިފައި ވަނީ ޑީޕޯޓްވިޔަ ނުދިނުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އދ.ގެ ރެފިއުޖީ އެޖެންސީން ވަނީ ފިނި މޫސުމުގައި އަފްޣާނިސްތާނުގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުން ހުއްޓާލުމަށް ވެސް ޕާކިސްތާނަށް ގޮވާލާފައެވެ.
އދ.ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރުގެ ތަރުޖަމާނު ބާބަރު ބަލޮޗްއާ ހަވާލާދީ ރޮއިޓާސް އިން ބުނީ ފިނި މޫސުމުގެ ސަބަބުން ހިޖުރަކުރާ މީހުންގެ ފުރާނައަށް ނުރައްކާވާ ކަމަށާއި ޕާކިސްތާނުން އަފްގް ޑީޕޯޓް ކުރުމުގެ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ.