ދުނިޔެ

އަފްޣާނިސްތާނުގެ ރެފިއުޖީންނަށް 830 ޑޮލަރުގެ "އެގްޒިޓް ފީ" އެއް ނެގުމުން ފާޑު ކިޔުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތާލިބާނުންގެ އަނިޔާވެރިކަމުން ސަލާމަތްވި އަފްޣާނިސްތާނުގެ ކޮންމެ ރެފިއުޖީއަކަށް އެގްޒިޓް ފީގެ ގޮތުގައި އެތައް ސަތޭކަ ޑޮލަރެއް ނަގަން ޕާކިސްތާނުން ނިންމި ނިންމުމާ ގުޅިގެން ހުޅަނގުގެ ބައެއް ޑިޕްލޮމެޓުންނާއި އދ އިން ވަނީ ޕާކިސްތާނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
"ހީވެސް ނުކުރާ" މި ފިޔަވަޅަކީ ރިސެޓްލިޓޭޝަން ސްކީމްތަކުގެ ދަށުން ޕާކިސްތާނުން ހުޅަނގުގެ ގައުމުތަކަށް ދިއުމުގެ އިންތިޒާރުގައި ތިބި ރެފިއުޖީންނަށް އަމާޒުކޮށް، ކޮންމެ މީހަކަށް ގާތްގަނޑަކަށް 830 ޑޮލަރު ނަގަމުން އަންނަ ފިޔަވަޅެކެވެ.

Ads by Sosun Fihaara

ޕާކިސްތާނުން މިގޮތަށް ނިންމާފައި މިވަނީ ލިޔެކިޔުން ނެތް ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނުން އިއުލާނުކޮށް، ރަޖިސްޓްރީ ނުކުރާ ގާތްގަނޑަކަށް ދެ މިލިއަން އަފްޣާނިސްތާނު މީހުން އެ ގައުމުން ފޭބުމުގެ ސުންގަޑި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހަށް ކަނޑައަޅާފައި ވަނިކޮށެވެ. އަދި އެ މުއްދަތު ފާއިތުވަމުން ދިއުމާއެކު، ލިޔެކިޔުން ނެތް އަފްޣާނިސްތާނު މީހުން މާސް ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

ރަނގަޅު ލިޔެކިޔުމެއް ނެތި ނުވަތަ މުއްދަތު ހަމަވެފައިވާ ވިސާއާއެކު އަފްޣާނިސްތާނުގެ އެތައް ހާސް ބަޔަކު ޕާކިސްތާނުގައި ތިބީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ކާބުލް ވެއްޓުނު ފަހުން ހުޅަނގުގެ ގައުމުތަކުގައި ދިރިއުޅުން އަލުން ފެށުމުގެ އިންތިޒާރުގަ އެވެ. އޭގެ ތެރެއިން ގިނަ މީހުން ނަކީ ހުޅަނގުގެ ސަރުކާރުތަކާއި ޖަމިއްޔާތަކާ އެކު މަސައްކަތް ކުރާ މީހުން ކަމަށާއި އިންސާނިއްޔަތަށްޓަކައި އަލުން ވަޒަންވެރިވުމުގެ ހައްގު ލިބިގެންވާ މީހުން ކަމަށް ދަ ގާޑިއަން އިން ބުނެ އެވެ.

އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 25،000 މީހުން އެގައުމުގައި ވަޒަންވެރިކުރުމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތުން ވަނީ 20،000 މީހުން އާބާދުކުރާނެ ކަމަށް ބުނެފަ އެވެ.

ޕާކިސްތާނުގައި ތިއްބެވި ހުޅަނގުގެ އިސް ފަސް ޑިޕްލޮމެޓުން ގާޑިއަން ނޫހަށް ވިދާޅުވީ ޕާކިސްތާނުގައި އެގްޒިޓް ޕާމިޓް ފީއަކީ ބައިނަލްއަގްވާމީ ގޮތުން ދުވަހަކު ވެސް ނުދެކޭ ވަރުގެ ފީއެއް ކަމަށާއި އެއީ ވަރަށް ބޮޑު ޝޮކެއް ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ޕާކިސްތާނަށް އިގްތިސާދީ ގޮތުން ވަރަށް އުނދަގޫ ކަމެއްކަން، އެކަމަކު ހަގީގަތުގައި ރެފިއުޖީންގެ އަތުން ފައިސާ ހޯދަން މަސައްކަތް ކުރުމަކީ ހަގީގަތުގައި ވެސް ހިތްނުތަނަވަސް ކަމެއް،" ޑިޕްލޮމެޓަކާ ހަވާލާދީ ދަ ގާޑިއަން އިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!