އިންޑިޔާގެ ޓަނަލެއްގައި ބަންދުވެފައި ތިބި 41 މަސައްކަތްތެރިން ސަލާމަތްކޮށްފި
އިންޑިޔާގެ އުއްތަރަޚާންދްގައި ހަދަމުން ދިޔަ ޓަނަލެއްގެ ބައެއް ވެއްޓުމުގެ ސަބަބުން ޓަނަލް ތެރޭގައި ބަންދުވެފައި ތިބި 41 މަސައްކަތްތެރިން 17 ދުވަސް ފަހުން ސަލާމަތްކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓަނަލުން ނެރުމަށް ފަހު އެންމެން ވަނީ އެމްބިއުލައިންސްތަކެއްގައި ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
ޚަބަރުތައް ބުނާގޮތުން އެންމެންގެ ވެސް ހާލު ރަނގަޅެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލާ އަދި އެކި ޓެސްޓުތައް ހެދުމަށެވެ.
އެމީހުން ތިބި ހޮސްޕިޓަލުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެން ވެސް ތިބީ ވަރަށް އުފަލުން އަދި ހަމަޖެހިފަ އެވެ. އެއްބަޔަކު އެނދު މަތީ ތިބެ ކައިބޮއި ހަދާ މަންޒަރު ފެންނަ އިރު އަނެއްބަޔަކު އެހެން ބައެއް ކަންކަމުގައި ޝާމިލުވެ އުޅެއެވެ.
އެމީހުން ކިޔާދީފައިވާ ގޮތުގައި ޓަނަލް ތެރޭ ތިބި ދުވަސްތަކުގައި ކުރާކޮންމެ ކަމެއް ކުރަނީ އެންމެން އެކުގައެވެ. މިގޮތުން ޔޯގާ ކަސްރަތު ކުރުމާއި ޓަނަލް ތެރޭ ލިބެން އޮތް ޖާގައިގައި ހިނގާލަން ގޮސް ހަދާކަމަށް ބުނެފައި ވެއެވެ. އަދި ކެއުމަށް އިންސާފް ކުރަނީ ވެސް އެންމެން އެކުގައި ކަމަށް ބުނެފައި ވެއެވެ. ހިތްނުތަނަވަސްވާ ވަގުތުތައް އަންނަ ނަމަވެސް، ސަލާމަތްވުމުން މިހާރު ވަރަށް އުފާކުރާކަމަށް ބުނެފައި ވެއެވެ.
ފޯނު ފުރަތަމަ ބޭނުން ކުރަނީ ހަމަ އެކަނި ގަޑިބަލާލުމަށް ކަމަށާއި ނަމަވެސް ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކުން ފޯނު ޗާޖަރުތަކެއް ފޯރުކޮށްދިނުމުން މުނިފޫހިފިލުވުމަށް ޓަކައި ފޯނުން ގޭމު ކުޅެހަދާކަމަށް އެމީހުން ބުނެފައި ވެއެވެ.
41 މީހުން ޓަނަލުން ނެރެފައިވަނީ ވަކިން ކޮނުނު ހަނި މަގަކަށް ތިންފޫޓްފުޅާ ޕައިޕްތަކެއް ވައްދާ އެ ޕައިޕް ތެރެއިން ފަހަރަކު މީހަކުއެވެ. މިގޮތުން ނެރެވޭ މީހާ އޮންނަނީ ސްޓްރެޗްރެއްގައި ބެލްޓު އަޅާ ހައްޔަރުކޮށްފައެވެ. އަދި މަތީގައި ތިބި މީހުން ސްޓްރެޗަރު ދަމާ ނެރެފައިވެއެވެ.
އެންމެ ފަހު މީހާ ނެރެވުމާއެކު އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި އެތެރޭގައިވީ މީހުންގެ އާއިލާގެ އެތައް މެންބަރުންނެއް އެމީހުން ބަންދުވީއްސުރެ ތިބީ ޓަނަލް ކައިރީގައެވެ.
ވެއްޓިފައިވާ ޓަނަލަކީ ހިމާލިޔާ ފަރުބަދަތެރޭން ކަނޑަމުން އައި 4.5 ކިލޯމީޓަރުގެ ޓަނަލެކެވެ. "ޗަރު ޑޭޕް ޕްރޮޖެކްޓް"ގެ ދަށުން ހަދަމުން އައި ޓަނަލްގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ސަލާމަތާ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަން ނުދީ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.