ރިޕޯޓް

ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް, ފަޙްމީ މިއަދު އެންމެ އުހުގައި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯއާ 1998ވަނަ އަހަރު ގުޅިވަޑައިގެންނެވި, ހުސެއިން ފަޙްމީ, ފަހަރަކު ހަރުފަތެއް ޤިރާކުރަމުން ގޮސް މިއަދު އެހުންނެވީ އެންމެ އުހުގައެވެ. 25 އަހަރުގެ ތަޖުރިބާއާއެކު ސ. ހިތަދޫއަށް އުފަން ފަޙްމީ އެ ހުންނެވީ ސްޓެލްކޯގެ ބޮޑު އާއިލާގެ ޒިންމާތައް ކޮނޑުގައި އަޅައިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައެވެ. ޤާބިލު ކަމާއި ތައުލީމަށް މީހަކަށް އިނގިލި ދިއްކޮށްނުލެވޭފަދަ ވަރުގަދަ ވަނަވަރަކާއެކު ދަރަނީގައި އޮތް ކުންފުނި އަރަނިކޮށްލަން ވަރުގަދަ ޕްލޭންތަކާއެކު އެހުންނެވީ ތައްޔާރަށެވެ. އުމުރުގެ ބޮޑު ބައި ޚިދުމަތުގައި ހޭދަކޮށްފައިވާއިރު ލިބިފައިވާ ހުނަރަކާއި, ތައުލީމަކާއި ތަޖުރިބާއެއް އެ ކުންފުންޏަކަށް ނިސްބަތްވާ, ސްޓެލްކޯ, ކޮޅަށް ނަގާ, ފަޚްރުވެރި ކުންފުންޏަކަށް ހެދުމަށާއި ދަރާފައިވާ ދަރަނި އަދާކުރުމަށް ފަޙްމީ ހުންނެވީ ނިކަން ކެރިގެންނެވެ.

Ads by STELCO

"ދެން"އާއެކު ފަޙްމީވަނީ ވަގުތުކޮޅެއް ހޭދަކުރައްވާ, އެމަނިކުފާނުގެ ތަސައްވަރު ހިއްސާކުރައްވާފައެވެ.

ފަހަރަކު ހަރުފަތެއް, މިހާރު އެންމެ އުހުގައި

ފަހުމީއަކީ ސްޓެލްކޯއަށް ފަރިތަ މޫނެކެވެ. ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ފަޙްމީ ވަނީ ކުންފުނީގެ އެކި ދާއިރާތަކުގައި އެކި ލެވެލްގައި މަސައްކަތް ކުރައްވާފައެވެ.

ތައުލީމީ ގޮތުން ބަލާއިރު ވެސް ފަޙްމީއަކީ އުހުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ދެ ދާއިރާއަކުން މާސްޓާސް ހާސިކޮށްފައެވެ. އެއީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަރސިޓީ އޮފް އެބަޑިން އިން މާސްޓާސް އޮފް އާޓްސް ވިތް ތާޑް ކްލާސް ހޮނާސް އިން އެކައުންޓިންނެވެ.

ފަޙްމީ "ދެން"އަށް އިންޓަރވިއު ދެއްވަނީ

1998ވަނަ އަހަރު ފައިނޭސް ޑިޕާޓްމެންޓްގެ ޓްރައިނީއެއްގެ މަޤާމަށް ސްޓެލްކޯއަށް ވަނުމަށްފަހު, އެކައުންޓް އޮފިސަރެއްގެ މަޤާމު އޭނާ ފުރުއްވިއެވެ. ޖެހިގެން އައި އަހަރު ފަހްމީ ވަނީ ކުންފުނީގެ ސްކޯލާޝިޕެއްގައި އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑްގައި ޔުނިވަރސިޓީ އޮފް އެބަޑިން އިން ތައުލީމް ހާސިލް ކުރައްވާފައެވެ. ހަތަރު އަހަރު އިނގިރޭސިވިލާތުގައި ކިޔެވުމަށްފަހު އަނބުރާ ސްޓެލްކޯއަށް ވަޑައިގެން އެސިސްޓެންޓް ޑިރެކްޓަރުކަން ކުރެއްވިއެވެ. އޭގެ ފަހުން ޑެޕިއުޓީ ޑިރެކްޓަރު ކަމަށާއި, ޑިރެކްޓަރ ކަމަށާއި ޖެނެރަލް މެނޭޖަރުކަން ވެސް ކުރެއްވިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައި ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ހެޑަކަށެވެ. އޭގެ ކުރިން ބިޒްނަސް އެންޑް ޑެވެލޮޕްމެންޓާއި ކަސްޓަމާ ސާވިސް އެންޑް ބިލިން ޑިޕާޓްމެންޓާއި ސްޓެލްކޯ ފެނުގެ އެޗްއޯޑީކަން ވެސް ކުރެއްވިއެވެ.

"ކުންފުނީގެ ވަރަށް ގިނަ ޑިޕާޓްމެންޓްތަކުގައި އަޅުގަނޑު މަސައްކަތްކޮށްފައި ހުންނާނީ, ޓެކްނިކަލް ނޫން ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރެވިފައި މިހާރު ވާނީ. ޓެކްނިކަލް ނޯހައު ނެތަސް, ޓެކްނިޝަލް ލެވެލްގެ ނޮލެޖްވެސް ހުންނާނެ." ކުންފުނީގެ ތަޖުރިބާ ހިއްސާ ކުރަމުން 'ދެން'އަށް ދެއްވި އިންޓަރވިއުއެއްގައި ފަހްމީ ވިދާޅުވިއެވެ.

އެކުވެރި މާހައުލެއްގައި, ކުރިއެރުމުގެ އަޒުމް

ފަޙްމީ ދެއްވާ ޔަޤީންކަމަކީ އޭނާގެ ލަޔާޤަތާއި ޤާބިލުކަން ހުރި މިންވަރަކުން ކުންފުންޏަށް ޚިދުމަތްކޮށްދެއްވާނެ ކަމެވެ. އޭނާ ޤާބޫލު ކުރައްވާ ގޮތުގައި އެއީ އޭނާ އެކުންފުންޏަށް ދަރާ އޮތް ދެރުމެކެވެ.

"އަޅުގަނޑަށް ކިޔަވައިދިނީ ވެސް މި ކުންފުނިން, އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އަޅުގަނޑު މި ކުންފުންޏަށް ދަރާ އެބައޮތް. އަޅުގަނޑު މިކުންފުންޏަށް, ޤައުމަށް ޚިދުމަތް ކުރަން ޖެހޭ, އެހެންވެ އަސްލު މަޤާމާ ހަވާލުވީ" ފަޙްމީ ވިދާޅުވީ މިއަދު ކުންފުނީގެ ހިންގަން ތިބި ގިނަ މީހުންނަކީ އޭނާއާއެކުގައި މަސައްކަތްކޮށްފައިވާ ފަރާތްތައް ކަމަށްވުމުން, ޝަކުވާތަކާއި, ކަންކުރާނެ ކުރަންވީ ގޮތް އޭނާއަށް އިނގޭ ކަމަށެވެ.

"މިކުންފުނީގައި, ޚާއްސަކޮށް މެނޭޖަރުން ލެވެލްގައި ތިބީ އަޅުގަނޑާއެއްކޮށް މަސައްކަތްކޮށްފައި ތިބި މީހުން, އެހެންވެ, އެ މީހުންނާއެކު މަސައްކަތް ކުރަން ވަރަށް ރަނގަޅަށް އިނގޭ"

ސްޓެލްކޯގެ މުވައްޒަފުންނަށް ފަޙްމީ ދޭ ޔަޤީންކަމަކީ ތަފާތު ނުކުރާނެ ކަމުގެ ޔަޤީން ކަމެވެ. އެކުގައި މަސައްކަތް ކުރަން އޭނާ ތައްޔާރު ކަމެވެ. ސިޔާސީ ފިކުރަކަށް ނުބައްލަވާނެ ކަމެވެ.

"ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ މުވައްޒިފުން އުފާ ކުރުން. މުވައްޒިފުންނަށް ޔަޤީންކަން ދިނުން, އެމީހުންނާ ދޭތެރޭގައި ތަފާތު ކުރުން ނުބާއްވާނެކަން. ތަފާތު ކުރުމުގެ ބޭނުމެއް އަޅުގަނޑަކަށް ނުފެނޭ" ފަޙްމީ ވިދާޅުވިއެވެ.

ސަބްސިޓީއަށް ބަރޯސާނުވެ, އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ވިސްނުން

ފަޙްމީ ޤަބޫލު ކުރައްވާ ގޮތުގައި ސްޓެލްކޯއިން ދޭ ކަރަންޓްގެ ޚިދުމަތުގެ އަގުހެޔޮ ކުރުން އޮތީ ދެ ގޮތެވެ. އެއީ ކުންފުނި ފައިދާވާ ކުންފުންޏަކަށް ހެދުން ނުވަތަ ސަރުކާރުގެ ސަބްސިޓީއަށް ބަރޯސާވުމެވެ.

އޭގެ ތެރެއިން ފަޙްމީ ޤަބޫލު ކުރައްވާ ގޮތުގައި އެންމެ ރަނގަޅު, އަދި ޤައުމަށް ވެސް ފައިދާހުރި ގޮތަކީ ސަބްސިޓީއަށް ބަރޯސާނުވެ, ކުންފުނި ފައިދާވާ ކުންފުންޏަކަށް ހަދައިގެން ކުންފުނީގެ ފައިދާ ބޭނުންކޮށްގެން ކަރަންޓްގެ އަގު ހެޔޮ ކުރުމެވެ.

"ޕްރޮކިއުމެންޓް ސްޓޭޖްގައި, މިސާލަކަށް އެފިޝިއަންޓްކޮށް މުދާ ގަތުން, ރިނިއުބަލް އެނާޖީއަށް ދިއުން" އިސްރާފް ޚަރަދު ނުކޮށް ސްޓެލްކޯގެ ހިންގުމުގެ ދަރަނި ކުޑަކުރެވޭނެ ކަމަށް ފަޙްމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ ވިސްނުމަކީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ނިއު އެންޑް ރިނިއުބަލް އެނާޖީއާ ދިމާއަށް ދިއުމެވެ. އެއީ މުސްތަޤްބަލުގައި އެކަމުން ކުުންފުންޏަށް ފައިދާވާނެ ކަމެއް ކަަމަށް ފަަޙްމީ ޤަބޫލު ކުރައްވައެވެ.

އެޔާ ޚިލާފަށް ސަރުކާރުގެ ސަބްސިޓީއަށް ބަރޯސާވެގެން ކުންފުނި ނުހިންގޭނެ ކަަމަށް ފަޙްމީ ޤަބޫލުކުރެއެވެ. އެންމެންނަށް ދިނުމުގެ ބަދަލުގައި ސަބްސިޓީދޭނަމަ އެކަމަށް ބޭނުންޖެހިފައިވާ ވަކި ބަޔަކަށް ސަބްސިޓީ ދިނުން އެއީ ސަރުކާރުން އަދި ފަޙްމީ ވެސް ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެވެ.

"ސަބްސިޓީ މިދެނީ ޓެކްސް ޕޭޔާސް ލާރިން, އެއިން އަނެއްކާ އަނބުރާ މިދެނީ"

ރައްޔިތުންގެ ޝަކުވާ ގާތުން އަޑުއަހާނެ ވެރިޔެއް

ސްޓެލްކޯގެ ހީވާގި ޓީމު ތިބީ ރައްޔިތުންނަށް ޚިދުމަތް ދޭން ތައްޔާރަށެވެ. ކުންފުނީގެ ކަމެއްގައި ޝަކުވާއެއް އޮތްނަމަ މީސްމީޑިއާގެ ޒަރިއްޔާއިން ނަމަވެސް އެކަން އަންގާލަދެއްވާށެވެ. ނޫނީ ގުޅުއްވާށެވެ. އެބޭފުޅުންގެ ހޮޓްލައިންތަކުން 24 ގަޑިއިރު ޚިދުމަތް ދޭނެއެވެ. އައު އެމްޑީ ދެއްވީ ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަމެވެ.

"ރައްޔިތުންނަށް ދަތިވާ ކަމެއް އޮވެއްޖިއްޔާ އަޅުގަނޑުމެންނަށް އަންގާލަދެއްވާ. އަޅުގަނޑުމެންނަށް މުސާރަ މިދެނީ ރައްޔިތުން, އަޅުގަނޑުމެން ތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި"

މަގުމަތީގައި ހުންނަ ޓްރާންސްފޯމަރެއްގެ ސަބަބުން, މަގެއް ބަންދުކޮށްފައި އޮތުން ނުވަތަ ކޭބަލް ހުރުން ފަދަ ކަމަކުން އުދަނގޫވާނަމަ އެކަން ސްޓެލްކޯއިން ހައްލުކޮށްދެއްވާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

ޚިދުމަތުގެ ޔަޤީންކަމާއެކު އެމްޑީ ރައްޔިތުންނަށް ދެއްވާ އިރުޝާދެއް އެބައޮތެވެ. އެއީ ކަރަންޓް އިސްރާފް ނުކުރުމެވެ.

"ރައްޔިތުންނަށް މިވަގުތު ކަރަންޓްބިލް އެންމެ ކުޑަކޮށްލެވޭނެ ގޮތަކީ ގޭގެ އޭސީ ބޭނުންނުވަންޏާ އޮފްކޮށްލާ, ބޮކި ނިއްވާ, ދޮރުލައްޕާލާ މިކަހަލަކަންކަން ކުރުން, ކުދިންނަށް އެކަންކަން ދަސްކޮށްދިނުން" އެމްޑީ ވިދާޅުވީ މިކަހަލަ ކުދި ކަންކަން ކޮށްލައިގެން މިވަގުތަށް ކަރަންޓްގެ ޚަރަދު ކުޑަކުރެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!