ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ އަމިއްލަ އަށް ފުލުހަށް ހާޒިރުވެއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ނ. މިލަދޫ، ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ.
މުއްރަތު ގެއްލިގެން ހޯދަން އިއުލާނުކޮށްފައި ވަނީ މިއަދު ހެނދުނުއެވެ.
ފުލުހުން އޭރު ވިދާޅުވީ، މުއްރަތު ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ، މި މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ މުއްރަތު މަސައްކަތް ކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށެވެ.
ފުލުހުން ދެންމެ ބުނީ މުއްރަތު ހޯދަން އިޢުލާން ކުރުމާއިއެކު އޭނާ ވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވެފައި ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައި ވެއެވެ.