ޚަބަރު

ނުނިމުނު އަމީނީ މަގުގެ މަސައްކަތް މާދަމާ ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސައްކަތް މެދުކަނޑާލާފައި އޮތް އަމީނީ މަގުގެ މަސައްކަތް، މާދަމާ އަލުން ފަށާނެކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ބުނެފިއެވެ.

Ads by STELCO

ޖުމްލަ 13 ސެގްމަންޓް ހިމެނޭ އަމީނީ މަގުގެ މަސައްކަތުގައި މިހާރު ނުނިމިވަނީ، ފަހު ދެ ސެގްމަންޓްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން، މާފަންނަަށް އަމީނީމަގުގައި ބާކީ އޮތް ސަރަހައްދެވެ.

މިދިޔަ ސަރުކާރުގައި މަސައްކަތް ކުރީ ދަޢުރު ނިމުމުގެ ކުރިން އަމީނީ މަގުގައި ތާރު އަޅާ ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވެ، މަގުގެ މަސައްކަތް ނިމޭގޮތް ވަނީ ނުވެފައެވެ. ކޮންޓްރެކްޓަރ އާރްޑީސީން މަސައްކަތް މެދުކަނޑާލީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ، އޭރު ޕްލޭނިން މިނިސްޓްރީން އެގޮތަށް އަންގައިގެންނެވެ.

އާރްޑީސީން ބުނީ، އަލުން މަސައްކަތްތައް ފަށަނީ، ކުރީގެ ސްކޯޕާއި އެއްގޮތަށްކަމަށެވެ. އެގޮތުން މާދަމާ ހެނދުނު ޢަމަލީ މަސައްކަތް ފަށާނެކަމަށެވެ. މަސައްކަތް ގެންދާނެގޮތާއި މަސައްކަތް ނިންމުމަށް މިހާރު ކަނޑައަޅާފައިވާ ޓައިމްލައިންތައްވެސް ޙިއްސާކުރާނެ ކަމަށް އާރްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓްގައި މިހާރު ތާރުއަޅާ މަސައްކަތް ނިންމާފައިވަނީ، އަމީނީ މަގު ހެންވޭރުން ފެށިގެން އިއްޒުއްދީން މަގާއި ހަމައަށެވެ. މިމަޝްރޫއުގެ ދަށުން އަމީނީމަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނާ ހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގައެވެ. މިމަސައްކަތް މިސަރުކާރުން ކުރިއަށް ގެންދަން ޖެހުނީ ނިންމަން ދީފައި އޮތް ތާރީޚަށް މަސައްކަތް ނުނިމި ދިގުލައިގެން ދިއުމާއި ގުޅިގެންނެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 84.4 މިލިއަން ރުފިޔާއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!