ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިން ތަމްރީން ކުރަން ޚާއްސަ ކޮލެޖެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސްވެރިކަން ޕްރޮމޯޓްކުރުމަށް ހާއްސަ އެޖެންސީއެއް ތަރައްޤީކުރައްވާނެކަމަށާއި އަދި މަސްވެރިން ތަމްރީންކުރުމަށް ހާއްސަ ކޮލެޖެއްވެސް ޤާއިމްކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް މަސްވެރީންގެ ޤަދަރު އުފުލައި މަސްވެރިކަން ތިޔާގި ކުރުމަކީ ސަރުކާރުން ވަރަށް ބޭނުންވާ ކަމެއްކަމަށާއި އެކަމަށް ޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރިކަމެއްކަމަށެވެ. އެގޮތުން ތަޖުރިބާއާއި ޒުވާން މަސްވެރީންނަށް ފޯރަންވި ހުނަރާއި އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އޮތް ފަންނިއްޔާތު ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ހާއްސަ ކޮލެޖެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ކަމަށްޓަކައި މަސްވެރީން ތަމްރީނުކުރާ މަރުކަޒު ނުވަތަ ފިޝަރީޒް ޓްރެއިންނިންގ އިސްޓިޓިއުޓް އަޅުގަނޑުމެން ޤާއިމުކުރާނަން. މި ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެވޭނެ. މި ކަމުގެ އިދާރީ މަސައްކަތްތައް އަޅުގަނޑުމެންގެ ހަފުތާ ސާދައިގެ މި މުއްދަތުގެ ތެރޭގައި ހިނގަމުން އެބަދޭ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމުގެ ސިނާއަތުގެ ކުރިއެެރުމަށް ގިނަ މަޝްރޫޢުތަކެއް ރޭވެމުންދާއިރު ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާރުކޭޓު ހޯދުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށް ކުރިއެރުވުމަށް ހާއްސަ އެޖެންސީއެއް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ހަފުތާ 14 – ޕްރޮގްރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން. މިއެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭޑެއް ތަޢާރަފްކޮށް އެބްރޭންޑް ބޭރުގައުމުތަކުގައި އިސްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ. މިއީ ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެން ދާނެ ފުރުޞަތެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއްކަމަށެވެ. ނަމަވެސް ދިވެހި ކަނޑުމަސް ގަނޑުކޮށްގެން ރޯމަހުގެ ގޮތުގައި ބޭރުކުރުމަކީ އެންމެ އެކަށީގެންވާ އަގެއް ލިބޭނެ ގޮތެއް ނޫންކަމަށާއި މަތީ އަގު ލިބޭ އެހެން ގޮތްތައް ހުންނަކަމަށެވެ. އޭގެތެރެއިން އެއް ގޮތަކީ ދިވެހީން ޒަމާނުއްސުރެ މަސްބާނައި އުޅޭ ސަގާފީ ގޮތް އެނގޭނޭހެން ދިވެހިރާއްޖޭގެ ނަމުގައި އެ މަސް ބޭރުކުރުންކަމަށާއި، މިއީ ބޭރުގެ ގައުތަކަށް ވިއްކާ ދިވެހި ކަޅު ބިލަމަހުގެ އަގު އުފުލޭނެ ގޮތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަގުން ސަރުކާރުން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތުގައި ސަރުކާރުން ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އެކަމަށް ޓަކައި ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް އެ ދާއިރާއިން އިންވެސްޓްކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!