ޚަބަރު

އިހަވަންދިއްޕޮޅުގެ މަޝްރޫއެއް ލާމު އަތޮޅަށް ބަދަލެއް ނުކުރަން, ދެ އަތޮޅުގައި ވެސް މަޝްރޫއު ކުރިޔަށްދާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިހަވަންދިއްޕޮޅުގައި އަޅަން ކުރީ ސަރުކާރުން ނިންމި ޓްރާންސްޝިޕްމަންޓް ބަނދަރު، ލ. އަތޮޅަށް ބަދަލު ކުރުމަށް މި ސަރުކާރުން ނިންމާފައިނުވާ ކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ގަތަރުގެ ކުންފުންޏަކާ އެކުގައި އެސްޓީއޯ އިން ވަނީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތްދޭން މިދިޔަ އަހަރު އޯގަސްޓް މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު (ރެޑްވޭވް ސަލީމް) ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މަޝްރޫއު ހުއްޓައެއް ނުލާ، އަޅުގަނޑުގެ މިނިސްޓްރީއަކުން ނޫން ސޮއިކުރީ، އެސްޓީއޯ އިން ކުރީ، އަޅުގަނޑު ބަލާލިން އެއްބަސްވުން އެކްޓިވްތޯ، އެކްޓިވް ކަމަށް މައުލޫމާތު ދެއްވީ،" ސައީދު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ލ. އަތޮޅު ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމު ކުރުމަށް ނިންމާފައެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދުު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

އެކަމާ ގުޅުވާ މަޖިލީހުގައި އިތުރު މެންބަރަކު ވަނީ އިހަވަންދިއްޕޮޅުގެ މަޝްރޫއެއް ގާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމެވީތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ސައީދު ވިދާޅުވީ, އެފަދަ ކަމެއް ކުރަންވަން ވިސްނަވާފައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ދެ ތަނުގައި ވެސް ޕޯޓެއް އެޅުން ކަމަށް ސައީދު ވިދާޅުވިއެވެ.

"އިހަވަންދިއްޕޮޅުގައި ޤާއިމް ކުރަން ނިންމާފައިވާ ޕޯޓެއް ގާދުއަށް ބަދަލު ނުކުރޭ. ސަރުކާރުގެ ވައުދަކީ އިހަންދިއްޕޮޅުގައި, އަދި ލާމު އަތޮޅުގައި ވެސް ޕޯޓެއް ޤާއިމް ކުރުން, އެއީ ދެ ޗެނެލަކަށް ވާތީ" ސައީދު ވިދާޅުވިއެވެ.

  1. މުޖުތާޒު

    ޙުވަރަފުށީދާެއިރާގެ މެމްބަރު ސަލީމުއާ ރެޑްވޭވް ސަލީމަކީ ދެމީހެއް ނޫސްނެރޭއިރު ތަންކޯޅެއްހަރުދަނާވާންއެބަޖެހޭ