ޚަބަރު

120،000 ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭ: މައުސޫމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އަންނަ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 120،000 ޓޫރިސްޓުން އަންނާނެ ކަމަށް އާ ޓޫރިޒަމް މިނިސްޓަރު ލަފާ ކުރައްވައިފި އެވެ.

Ads by STELCO

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ މެސެޖު ދޭން ޖެހޭ ކަމަށާއި މިކަން ކުރެވެން އޮތީ ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދު ކުރެވިގެން ކަމަށެވެ.

މައުސޫމް ވިދާޅުވީ ބޯޑަރު ހުޅުވާލުމާއެލު މިމަހުގެ ނިޔަލަށް 6000 ފަތުރުވެރިން އަންނާނެކަމަށް އަންދާޒާ ކޮށްފައިވާކަމަށެވެ. އަދި ކޮވިޑް-19ގެ ހާލަތު ރަނގަޅުވެއްޖެ ނަމަ މިއަހަރު ރާއްޖެ އަންނާނެ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބެލުމަށްފަހު މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަންނާނެކަމަށް އަންދާޒާ ކުރެވޭނީ 120،000 ފަތުރުވެރިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިހާރު ގެ ހާލަތު ރަނގަލުވެއްޖެނަމަ ފަސް ލައްކައެއްހާ ފަތުރުވެރިން އަންނާނެ ކަމަށާއި ބެޑް ނައިޓްސް އުޅޭނީ މިދިޔަ އަހަރުގެ 50 އިންސައްތައާ ހަމައިގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންމަވެސް ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 70 އިންސައްތަ މަދުވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ މީގެ ކުރިން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދު ނަމަވެސް މިހާރު ރާއްޖޭގައި ހޭދަކުރާ ދުވަސްތައް އިތުރުކަމަށާއި މުސްތަޤުބަލުގައިވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ދުވަސްތައް އިތުރުވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އެކަމުގެ ސަބަބުން ރިޒޯޓްތަކަށާއި، ސަފާރީތަކަށް އަދި ގެސްޓްހައުސްތަކުގެ އިތުރަށް ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކަށް ފައިދާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު ހުންނަ ރޭޓުން އެއްލައްކަ ވިހި ހާސް ޓުއަރިސްޓުން އަންނަ އިރު އޭގެ މާނައަކީ ދެލައްކަ ސާޅިސް ހާސް ޓުއަރިސްޓުންނޭ. އަޅުގަނޑުމެން އަންދާޒާ ކުރަނީ 14 ދުވަހަށް ތިބޭނެކަމަށް. ގެސްޓުން އަންނަ އަދަދާ ތިބޭ އަދަދަދުން މާ ބޮޑު މާނައެއް ނެތް. އަޅުގަނޑުމެން ބަލަން ޖެހޭނީ ކިހާ ޑޮލަރެއް ޚަރަދުވޭތޯ." މައުސޫމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!