ޚަބަރު

އެމްއޭސީއެލްގެ އެހީގައި ހުރަވީ ސްކޫލްގައި ގާއިމްކުރި "ހުނަރު ވެހި" ހުޅުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރެވުނު، ވޮކޭޝަނަލް ހަބް "ހުނަރު ވެހި" މިއަދު ހުޅުވައިފިއެވެ.

Ads by STELCO

ހުރަވީ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީއު އާއި އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމެންޓް ޑރ. މަރިޔަމް މާރިޔާ އާއި ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދުގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ އިސްވެރިންނާއި، އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން ހުރަވީ ސްކޫލުގެ އިސްވެރިންނާއި ޓީޗަރުން އަދި ދަރިވަރުން ބައިވެރި ވަޑައިގެންނެވިއެވެ.

އެމް.އޭ.ސީ.އެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމުކުރި ހުނަރު ވެހި ބިނާކުރުމުގެ މަޝްރޫއަކީ، ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށާއި، އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން، ހުނަރު ވެއްސަށް ބޭނުންވާ ވާޑާންކުރުމުގެ ސަމާނާއި، ކަރަންޓާއި ވައިރިންގ އަދި ވެލްޑިންގ ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެމް.އޭ.ސީ.އެލް އިން ވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ހުނަރު ވެހި ތަރައްޤީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން އެމް.އޭ.ސީ.އެލް އިން ވަނީ ފޯރުކޮށްދީފައެވެ.

ހުނަރުވެހި ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމް.އޭ.ސީ.އެލްއަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއި އެކު، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.

އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށް އެމް.ޑީ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ. އަދި ހުނަރު ވެހިފަދަ ދެމެހެއްޓެނިވި ތަޢުލީމީ ބިނާއަކުން، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިޔުމަކީ ކުރާ އުންމީދެއްކަމަށްވެސް އެމް.ޑީ އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު ވިދާޅުވީ، ހުރަވީ ސުކޫލުން މިއަދު މި ޤާއިމުކުރިފަދަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް އެހެން ސްކޫލްތަކުގައި ވެސް ފެށުމަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޘާނަވީ ތަޢުލީމް ޙާސިލްކުރާ ހުރިހާ ދަރިވަރުންނަށްވެސް އެފަދަ ޕްރޮގްރާމްތަކުގެ ފައިދާ ފުރިހަމައަށް ކުރުން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޫލުގެ އަމާޒަކީ، ސްކޫލުގެ ދަރިވަރުންނަކީ ތަޢުލީމީ ގޮތުންނާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހެއްދެވުންކަމަށެވެ.

ހުނަރު ވެހި ތަރައްޤީކުރުމަށް ކުރެއްވި މަސައްކަތަށް އަލި އަޅުއްވާ ލައްވާ ޕްރިންސިޕަލް ވިދާޅުވީ، މިފަދަ ބޮޑު މަސައްކަތެއްކޮށް ނިންމާލެވުނީ މިފަދަ ކަންކަމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްވާ އަހަމިއްޔަތުގެ ސަބަބުންކަމަށެވެ.

ހުނަރު ވެހި ހުޅުމުގެ އިތުރުން، ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު އެ ސްކޫލުގެ "ދަސްވެށި" އަދި ލެއިޝަރ ރޫމެއްގެ ގޮތައް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ މިއަދު ހުޅުވާފައެވެ. އެގޮތުން، ދަސްވެށި ހުޅުއްވައިދެއްވީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު އަދި މަރިޔާދު ހުޅުއްވައި ދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ މަރިޔަމް މާރިޔާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!