ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ދަތިތައް ޙައްލު ކޮށްދޭ ސަރުކާރަކަށް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، މި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ "ރަސްމާލެ" މަޝްރޫޢު އިއްޔެ ފެށުމާއި ގުޅިގެންނެވެ.
އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައި ވަނީ، ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވުމަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ.
"މާތް ﷲގެ އިރާދަފުޅާއެކު ރައީސް މުޢިއްޒުގެ ސަރުކާރު ވެގެންދާނީ ވަޢުދު ފުއްދާ، ދަތިތައް ހައްލު ކޮށްދޭނެ ސަރުކާރަކަށް!"
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
ސީއެމްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދީ ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް ވެސްޓް މިނިސްޓަ ކޮންޓްރެކްޓިން ކޮމްޕެނީންނެވެ.