އިދިކޮޅު ސިޔާސީ ޕާޓީ ޑިމޮކްރެޓްސްގެ އިދާރީ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަނު ކޮށްފިއެވެ.
ޑިމޮކްރެޓްސްގެ އިދާރީ މަޤާމުތަކަށް އައްޔަނު ކޮށްފައި ވަނީ ޕާޓީގެ ރައީސް ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ނަންތަކެވެ.
އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ނެޝަނަލް އެސެމްބްލީގެ އަގުލަބިއްޔަތުން އިދާރީ މަޤާމުތަކަށް ހަތަރު ބޭފުޅަކު ވަނީ އައްޔަނު ކޮށްފައެވެ.
ޑިމޮކްރެޓުންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލީ ރައްޒާން އައްޔަނު ކޮށްފައި ވާއިރު ކައުންސެލް ޖެނެރަލްގެ މަޤާމަށް އަރުޝަދު އަބްދުލްހަކީމް، ރަޖިސްޓްރާ ޖެނެރަލްގެ މަޤާމަށް ތޯހާ ރަފީއު އަދި ސްޕޯކްސްޕާސަންގެ މަޤާމަށް ހަމަޖައްސާފައި ވަނީ އިމްތިޔާޒް ފަހުމީ އެވެ.
މާލެ ސިޓީ މޭޔަރަކު ހޮވުމުގެ އިންތިޚާބާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވަމުން އަންނައިރު ޑިމޮކްރެޓުން މިހާރު ދަނީ ކުރިއަށް އޮތް އެ ދެ އިންތިޚާބަށްވެސް ތައްޔާރުވަމުންނެވެ.
މިގޮތުން އެ ޕާޓީގެ ޓިކެޓްގައި މޭޔަރު ކަމަށް ސައިފް ފާތިހް ވާދަކުރައްވާނެ ކަން އިއުލާނުކޮށްފައި ވާއިރު މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުން ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.